އިންޑިއާގައި މިއަދު ފެށުނު ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2023 ގެ ފުރަތަމަ މޮޅު ކުވައިތުން ހޯދައިފިއެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އޭގެ މެޗުގައި ކުވައިތުން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ ވަކި ހިސާބަކުން ކުވައިތުން މެޗުގެ ކޮންޓްރޯލް ނަގައި ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ.
ނަތީޖާއެއްގެ ގޮތުން ކުވައިތުން މެޗުގެ 23 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ.
ކޯނަރެއްގައި ނޭޕަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން މި ލަނޑު ކުވައިތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ޚާލިދު ހަޖިއާއެވެ.
ލީޑުގައި އޮވެ ކުޅެމުން ދިޔަ ކުވައިތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ ޝަބައިބް އަލްޚަރަބީއެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަ ހާފު ކުވައިތުން ނިންމާލިއިރު، ފަހު ހާފުގެ ކުޅުން ފެށިގެން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުވައިތު އެމީހުންގެ ތިން ވަނަ ލަނޑު ކާމިޔަބު ކުރިއެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ މުޙައްމަދު އަބްދުﷲއެވެ.
މި ޕެނަލްޓީ އަކީ ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ރޯހިތު ޗާންދުގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ނޭޕާލުގެ ހަމަ އެކަނި ލަނޑު، އުފެއްދި ކައުންޓާ އެޓޭކް ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އަންޖަން ބިސްޓާއެވެ.
މި މުބާރާތުގެ އިތުރު މެޗެއް މިރޭ ކުޅޭނެ އެވެ. މިރޭ 7:00 ގައި ކުޅޭ މި މެޗަކީވެސް ގުފޫޕް އޭ ގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި އިންޑިއާއެވެ.