English Edition
Dhivehi Edition

ޤައުމީ ޓީމަށް 200 މެޗު ހަމަކޮށް ރެކޯޑް ހެދި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައި ޕޯޗުގަލް މޮޅުކޮށްދީފިއެވެ.

ޔޫރޯ ކޮލިގައިންގައި ރޭ އައިސްލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

މި މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ޕޯޗުގަލް އިންނެވެ. އެގޮތުން އެ ޓީމުން އައިސްލެންޑުގެ ގޯލަށް އަމާޒުކޮށް ތިން ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. އައިސްލެންޑަށް ޕޯޗުގަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ.

މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ ފަހު ވަގުތު، 89 ވަނަ މިނެޓުގައި ޕޯޗުގަލް ޓީމަށް ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ޖެހީ ގޮންޒާލޯ އިނާސިއޯ ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.

މިއީ ރޮނާލްޑޯ ޤައުމީ ޓީމަށް ޖަހައިދިން 123 ވަނަ ލަނޑެކެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮތީ ރޮނާލްޑޯ އަތުގަ އެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ރޮނާލްޑޯ އަށް ވަނީ ޖީނިއަސް ވޯލްޑް ރެކޯޑުން ޚާއްސަ ޝީލްޑެއް ހަވާލުކޮށްފަ އެވެ.

ރޭ އައިސްލެންޑު އަތުން ހޯދި މޮޅާއެކު ޕޯޗުގަލް އޮތީ އެޓީމު ހިމެނޭ ގުރޫޕު ޖޭގެ އެއް ވަނައިގަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ.

ހަމަ އެ އަދަދަށް މެޗު ކުޅެގެން ލިބުނު 10 ޕޮއިންޓާއި އެކު ދެ ވަނައިގައި އޮތީ ސްލޮވާކިއާއެވެ.