English Edition
Dhivehi Edition

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަންނަ ސީޒަންގައި، އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަ މިއާމީއަށް ކުޅެން އެއްބަސްވެފައިވާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ފަބްރީޒިއޯ ރޮމާނޯ މިރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ އަންނަ ސީޒަންގައި އެމެރިކާގެ އިންޓަ މިއާމީއަށް މެސީ ގުޅެން ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އަންނަ ސީޒަންގައި މެސީ އިންޓަ މިއާމީ އިން ފެނިގެން ދާނެކަން ފަބްރީޒިއޯ އިއުލާން ކުރިއިރު، ސައުދީ އަރަބިއާގެ އަލް ހިލާލްއިން ވެސް އައީ މެސީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލް ހިލާލް އިން ވަނީ މެސީއަށް ދުވާލަކަށް އެއް މިލިއަން ޕައުންޑަށްވުރެ ބޮޑު މުސާރައެއް ލިބޭ ހުށައެޅުމެއް ހުށަހަޅާފައެވެ.

އަލް ހިލާލުން މެސީއަށް ހުށަހަޅާފައިވަނީ ދުނިޔޭގެ ރެކޯޑް އަގެއް ކަމުގައިވީ ނަމަވެސް މެސީގެ ނިންމާފައި މިވަނީ އެމެރިކާ ލީގަށް ދިއުމަށެވެ. ދުނިޔޭގެ ރެކޯޑް މުސާރައެއް ލިބެން އޮތް ނަމަވެސް މެސީ އަލް ހިލާލްގެ ހުށައެޅުމަށް މިވަނީ ނޫނެކޭ ބުނެފައެވެ.

މެސީ ހޯދުމަށް ދެން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކުރީގެ ކުލަބު ބާސާއިންނެވެ. ނަމަވެސް ބާސާއަށް މެސީ ގެނައުމަށް މާ ފަހި ފުރުސަތެއް އަދިވެސް ތަނަވަސް ނުކުރެވެއެވެ. މާލީ ހާލަތު ތަން ނުދޭތީ ބާސާއަށް މެސީ ގެނައުމަށް ހުށައެޅުމެއް ވެސް މިހާތަނަށް ހުށައެޅޭގޮތް ވަނީ ނުވެފައެވެ.

ނަމަވެސް އެންމެ ފަހުވަގުތާއި ހަމައަށް ވެސް މެސީ ހޯދުމުގެ މަސައްކަތް ބާސާއައި އަލް ހިލާލް އިން ކުރާނެ ކަމަށް ބެލެވެއެވެ.