English Edition
Dhivehi Edition

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާ އެންމެ ފަހުން ކުޅެމުން އައި ކުލަބު، ފްރާންސްގެ ޕީއެސްޖީ ދޫކޮށްލާނެ ކަން ހާމަ ކުރުމާއި އެކު އެ ކުލަބުގެ 1.8 މިލިއަން އިންސްޓަގްރާމް ފޮލޯވަރުން ގެއްލިއްޖެއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ހާމަކުރި ގޮތުގައި ދެ އަހަރަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލަން ނިންމާ އެކަން އިއުލާން ކުރި ހިސާބުން ޕީއެސްޖީގެ އިންސްޓަގްރާމް ފޮލޯވަރުންގެ ތެރެއިން 1.8 މިލިއަން ފޮލޯވަރުން ވަނީ މަދުވެފައެވެ. މިއީ މެސީ ޕީއެސްޖީ އާއި ގުޅުނު ފަހުން އެ ކުލަބުގެ އިންސްޓަގްރާމަށް އިތުރިވި ފޮލޯވަރުންގެ އަދަދުގެ ދެބައިކުޅަ އެއްބައެވެ.

މެސީ ޕީއެސްޖީއާއި ގުޅުނީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން 2021 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. ޕީއެސްޖީން ޗެމްޕިއަންސް ލީގު ތަށި ހޯދުމުގެ އުންމީދުގައި މެސީ އެ ކުލަބަށް ގެނައި ނަމަވެސް އެކަން ހާސިލެއް ނުވިއެވެ. މެސީއާއި އެކުވެސް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުން އެ ކުލަބުގެ ސަޕޯޓަރުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް މެސީ އަނބުރާ ފޮނުވާލުމަށް ގޮވާލާ މުޒާހަރާ ވެސް ކޮށްފައެވެ.

މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާއިރު، މެސީ ދެން ފެނިގެން ދާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ބާސެލޯނާއިންނެވެ. މެސީ ހޯދުމުގެ ރޭހަށް ގިނަ ކުލަބުތަކަކުން ވަދެފައިވާއިރު، އޭގެ ތެރޭގައި އެންމެ ބޮޑަށް މެސީ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކުލަބުތަކުގެ ތެރޭގައި ބާސާއާއި ސައުދީގެ އަލް ހިލާލް ހިމެނެއެވެ.