English Edition
Dhivehi Edition

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.

ރެއާލް އާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފޯވާޑް 14 އަހަރަށް ފަހު ކުލަބު ދޫކޮށްލަން ނިންމި އިރު، އޭނާ ރެއާލް އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ޖޫން މަހުގެ ނިޔަލަށެވެ.

ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމާފައިވާއިރު، ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުލަބާއި ބެންޒެމާއާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު މިހަރު ބެންޒެމާ ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ރެއާލުން ބުނީ އެ ކުލަބުން ބޭނުންވީ އިތުރު އެއް އަހަރު ބެންޒެމާ ކުލަބުގައި މަޑުކުރުވަން ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވިކަމަށެވެ.

2009 ވަނަ އަހަރު ލިއޯން ދޫކޮށް ރެއާލަށް ބަދަލުވި ބެންޒެމާ ވަނީ މި ފާއިތުވި 14 އަހަރުގެ ތެރޭގައި ރެއާލް އަށް 647 މެޗު ކުޅެދީ 353 ލަނޑު ޖަހައިފަ އެވެ. އަދި ބެންޒެމާ ވަނީ ރެއާލާއެކު 25 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ބެންޒެމާ ވަނީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް ހާސިލްކޮށްފަ އެވެ.

ބެންޒެމާ ރެއާލާ އަލްވަދާއު ކިޔުމުގެ ފެއަވެލް އިވެންޓު އަންގާރަ ދުވަހު ބާއްވަން އެ ކުލަބުން ވަނީ ނިންމައިފަ އެވެ.

ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ހޯދުމަށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިހާދުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުލަބުން މިހާރު ވަނީ ބެންޒެމާ އަށް ރަސްމީ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ. އަދި ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބެންޒެމާ ވަރަށް އަވަހަށް އެ ހުށައެޅުން ގަބޫލުކުރާނެއެވެ.