English Edition
Dhivehi Edition

ބިލަބޮންގް ހައި އިންޓަނޭޝަނަލް އަދި ކެންގަރޫ ކިޑްސްގެ 2017 ވަނަ އަހަރުގެ އެވޯޑްސް ނައިޓް ބާއްވައިފިއެވެ.

ރޭ އެސްކޫލް ހޯލުގައި ބޭއްވި މި އެވޯޑް ނައިޓުގައި ޖުމްލަ 134 ދަރިވަރަކަށް އެ ދަރިވަރުން ހާސިލް ކޮއްފައިވާ އެކި ވަނަ ތަކަށާއި، ކިޔެވުމުގައި ފާހަގަ ކުރެވޭ ކުދިންނަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ވަނީ ދީފައެވެ.

މީގެ ތެރެއިން ގްރޭޑް 5 ގެ ދަރިވަރުންނަށް އިނާމު ހަވާލު ކޮއްދެއްވާފައިވަނީ ޖަލްސާގެ ޝަރަފު ވެރި މެހެމާނު އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ.

މި ހަފްލާގައި އިނާމު ދީފައިވަނީ ބިލަބޮންގް ހައިގެ ގްރޭޑް އެކެކުން ފަހެއްގެ ދަރިވަރުންނަށާއި، އެ ސްކޫލުގެ ޕްރީސްކޫލް ބައިގެ ދަރިވަރުންގެ އިންޓަ ސްކޫލް ވަނަތަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މޭޔަރު ޔަސްރިފް ވިދާޅުވީ އޭރުގެ އައްޑޫ ސިޓީ ކައުންސިލުން މި ފަދަ ސްކޫލެއް ހިނގުމަށް އިމާރަތް ދިން ކަމަށް ފަޙުރުވެރި ވާކަމަށެވެ. އަދި ‘ރިގްރެޓް’ ނުކުރެވޭ އިންވެސްޓްމެންޓަކީ ތައުލީމަށް ކުރެވޭ އިންވެސްޓްމެން ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރުގެ އިތުރުން ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލް، ކޯކާލާ އައްޑޫގެ މެނޭޖަރު ކޭޝަވް މުވާލާ އަދި ވެލައްސަރު މޯލްޑިވްސްގެ މޭނޭޖަރު ނަސްރު އަލީ ވެސް ވަނީ ބައިވެރި ވެ ވަޑައިގެންފައެވެ.