English Edition
Dhivehi Edition

ދިވެހި ރާއްޖެއިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް “އެސްއެމްއީ އިމްޕެކްޓް ފަންޑު” ހެދުމަށް ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު ހެދި އެއްބަސްވުމެއް ކަމަށެވެ.

ރާއްޖެ އިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރުގެ (614 މިލިއަން ރުފިޔާ)ގެ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ އެބޭންކުގެ ރައީސް މުހައްމަދު އަލް ޖަސީރުއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ސައުދީގައި ކުރިއަށް ގެންދާ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. ދިވެހި ސަރުކާރުގެ ވަފުދެއް އެ ބައްދަލުވުމުގައި އަންނަނީ ބައިވެރިވަމުންނެވެ.

މި ފަންޑުން އިތުރު ވަޒީފާތައް އުފެއްދުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެސްއެމްއީ އިމްޕެކްޓް ފަންޑު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުން އެ ގޮންޖެހުންތަކަށް ހައްލެއް ލިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން އަދި ބިޒްނަސް ސަޕޯޓް ހައްލުތައް ލިބިގެންދާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ ފަންޑު އުފައްދަން ނިންމާފައިވަނީ އައިއެސްޑީބީން ހޯދާ ފައިސާ އިން ކަމަށާއި އެ ފަންޑު ވެގެންދާނީ އެކި އިންވެސްޓަރުންގެ ފައިސާ އެއް ތަނަކަށް ޖަމާކޮށް، އެ ފައިސާ އިންވެސްޓުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް ހިންގާ ފަންޑަކަށް ކަމަށެވެ. އަދި އެ ފަންޑު ދިގު މުއްދަތަކަށް ކުރިއަށްގެންދެވޭނެ ގޮތަށް ރޭވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ކޯވިޑް-19ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.