English Edition
Dhivehi Edition

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅައާއި ވަކިވާ ދުވަހަކުން އޭނާދެކެ ރުޅިއަންނަ މީހުން ދެރަވެ ހިތާމަކުރާނޭ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފުޓްބޯޅަ ތަރި ޑިމިޓަރ ބާބަޓޯފް ބުނެފިއެވެ.

ރޮނާލްޑޯގެ ރަން ދުވަސްވަރު ޔުނައިޓެޑުގައި މުހިންމު ދައުރެއް އަދާކުރި ބާބަޓޯފް ބުނީ ރޮނާލްޑޯ ފުޓްބޯޅަ އާއި ވަކިވާ ދުވަސް އަންނާނޭ ކަމަށާއި އެއީ ހަމަ ކޮންމެ މީހަކަށްވެސް އަންނާނޭ ދުވަހެއް ކަމަށެވެ.

އަދި އެ ދުވަހަކުން ފުޓްބޯޅައަށް ލޯބިކުރާ މީހުންނާއި ރޮނާލްޑޯއަށް ނަފުރަތުކޮށް އެއްޗިސް ގޮވާ މީހުން ދެވަރެވެ ހިތާމަ ކުރާނޭ ކަމަށް އޭނާ ބުންޏެވެ.

ބާބަޓޯފް ބުނީ ރޮނާލްޑޯ އާއި މެސީގެ ސަބަބުން ފުޓްބޯޅައަށް ލޯބިކުރާ ދުނިޔޭގެ އެތަކެއް ބިލިއަން މީހުން އިތުރުވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފަހުގެ ތާރީޚުގައި ދުއް އެންމެ މޮޅު މި ދެކުޅުންތެރިންނަކީ މިވަގުތުވެސް ދުނިޔޭގެ ފުޓްބޯޅައިގެ ނަޒަރު އެންމެ ބޮޑަށް ހުއްޓިފައިވާ ދެ ކުޅުންތެރިންކަމަށް ބާބަޓޯފް ބުންޏެވެ.

ދުނިޔޭގެ އެންމެ ފޭނުން ގިނަ އެއް ކުޅުންތެެރިޔަކީ ރޮނާލްޑޯ ކަމަށާއި އަދި ދުނިޔޭގައި އެންމެ ގިނަ މީހުން ރުޅިއަންނަ ކުޅުންތެރިއަކީވެސް ރޮނާލްޑޯ ކަމަށް ބާބަޓޯފް ވަނީ ބުނެފައެވެ. އެހެން ކަމުން ރޮނާލްޑޯ ފުޓްބޯޅައާއި ވަކިވާ ދުވަހަކީ މި އެންމެންވެސް ދެރަވެ ހިތާމަކުރާނޭ ދުވަހެއް ކަމަށް އޭނާ ބުންޏެވެ.

” ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގެ އެންމެ ގިނަބަޔަކު ނަފުރަތުކުރާ ކުޅުންތެރިޔާ. އަދި އެންމެ ފޭނުންވެސް ގިނަ ކުޅުންތެރިޔާ. ރޮނާލްޑޯވެސް ފުޓްބޯޅައާއި އަލްވަދާއު ކިޔާނެ ދުވަހެއް އަންނާނެ. އެދުވަހަކީ އެ އެންމެންވެސް ދެރަވެ، ހިތާމަކުރާނެ ދުވަހެއް.” މީޑިއާއާއި ވަހަކަދައްކަމުން ބާބަޓޯފް ބުންޏެވެ.