English Edition
Dhivehi Edition

ޕީއެސްޖީއާއި އާޖެންޓީނާގެ އިތުބާރު ފޯވަޑް ލިއޮނެލް މެސީ ސައުދީ އަރަބިއާގެ އަލް ހިލާލް އަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ބައްޕަ ޖޯޖް މެސީ ދޮގުކޮށްފިއެވެ.

މެސީގެ އެޑުވައިޒަރެއްގެ ދައުރުވެސް އަދާކުރަމުން އަންނަ ޖޯޖް މެސީ ބުނީ މެސީ ސައުދީގެ އަލް ހިލާލްއަށް ބަދަލުވާން އުޅޭކަމަށް މީޑިއާގައި ގިނަ އަޑުތަކެއް އެބަ ފެތުރޭ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއް، ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ.

ޖޯޖް ބުނީ މީޑިއާތަކަކީ އަބަދުވެސް މަޝްޙޫރު ނަންތައް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނަގަން މަސައްކަތް ކުރާ ބައެއް ކަމަށާއި މެސީއާއި ގުޅިގެން ދޮގު ވާހަކަތައް މީޑިއާގަައި ފަތުރަނީ ނާޖާއިޒް ފައިދާ ހޯދުމަށް ކަމަށެވެ.

މިހާތަނަށް އެއްވެސް ކުލަބަކުން މެސީއާއި އެއްވެސް ވަރަކަށް މަޝަވަރާ ކޮށްފައި ވެސް ނުވާކަމަށާއި އަދި އެއްވެސް ކުލަބަކުން މެސީއަށް ހުށައެޅުމެއްވެސް ލިބިފައި ނުވާކަމަށް ޖޯޖް ވަނީ ބުނެފައެވެ.

މެސީ އަދި ހުރީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި އެހެން ކަމުން ޓްރާންސްފާއާއި ގުޅޭ އެއްވެސް ވާހަކައެއް މި ސީޒަން ނިމުމުން ނޫނީ ދެއްކުމެއް ނެތްކަމަށް ޖޯޖް ބުންޏެވެ.

” ސައުދީ ލީގަށް މެސީ ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ހުރި ވާހަކަތަކެއް ނޫން. މެސީ ދާނެ ވަކި ކުލަބެއް އަދި ކަނޑައެއް ނާޅާ. އޭނާ އަދި ހުރީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގަ، އެޓީމުގެ އެއްބަސްވުމުގެ ދަށުގަ. ދާނެ ކުލަބަކާއި މެދު ގޮތެއް ނިންމާނީ ޕީއެސްޖީގެ އެއްބަސްވުން ހަމަވުމުން. އަދި އެއްވެސް ކުލަބަކުން މެސީއަށް އެއްވެސް ހުށައެޅުމެއް ވެސް މިހާތަނަށް ލިބިފައެއް ނެތް. ” ޖޯޖް މެސީ ބުނެފައިވެއެވެ.