English Edition
Dhivehi Edition
ޕެންޝަން އޮފީހުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ޕެންޝަން ފައިސާއިން މިއަހަރު މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ވަނީ ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، 1444 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް އިއްޔެއިން ފެށިގެން ހުޅުވާލާފައެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުން ގާއިމުކޮށް ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

އެކަމަށް އެދި ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އެހެންކަމުން އެ މުއްދަތުގެކުރިން ކަމާބެހޭ ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް އެ އޮފީހަށް އެކަން އެންގުމަށް އެދިފައިވެއެވެ. އަދި [email protected] މެދުވެރިކޮށް، ސިޓީ ނުވަތަ އީ-މެއިލްއެއް ފޮނުވައިގެންވެސް މިކަމަށް އެދުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ގަވާއިދު ބުނާގޮތުން ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނީ ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ހުރެގެންނެވެ. އެއީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2،000 ރުފިޔާ ޕެންޝަން ސްކީމުން ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ. މީގެ އިތުރުން ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކޮށްފައިވާ ފަރާތެއްނަމަ، އެ އަދަދު ނުހިމަނައި އެންމެ މަދުވެގެން 336،000 ރުފިޔާ އެކައުންޓަށް ޖަމާވެފައި ހުންނަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

ހައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރަށެވެ.