English Edition
Dhivehi Edition

ސްޓެލްކޯގެ “އަވި ހަކަތަ” ޕްރޮގްރާމުގެ ދަށުން ގޭގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަޝްރޫއަކީ ތެލަށް ބަރޯސާވުން ކުޑަކޮށްދީ، ސަރުޚާރުގެ ނެޓް ޒީރޯ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރަކަށް ނޫނީ ނުވާނެއެވެ.

ރާއްޖޭގައި ކަރަންޓުގެ ބޭނުން އިންތިހާއަށް ކުރަމުން އަންނައިރު، އެކަމަށް އަންދާ ތެލުގެ ސަބަބުން ޖައްވަށް އަރައިގެންދާ ކަޅު ދުންތަކުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަވާހަކައެކެވެ. އެކަމަށް ހައްލެއް ބޭނުންވެ، އެކަމަކު މިހައިތަނަށް ވެސް ހައްލެއް ހޯދިފައި ނުވާ ބޮޑު މައްސަލައެކެވެ.

ކަން މިހެން އޮތްއިރު، މިކަމަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން “އަވިކަތަ” ޕްރޮގްރާމަކީ ރާއްޖެއާ ވަރަށް ގުޅޭ ޕްރޮގްރާމެއް ކަމަށް ބެލެވެއެވެ.

އެ ޕްރޮގްރާމުގެ ދަށުން ސޯލާ ޕެނަލް ސިސްޓަމް ޖެހުމަށް، ސްޓެލްކޯއިން ގޭގޭގެ ފުރާޅު ކުއްޔައް ހިފަން ހުޅުވާލާފައިވާއިރު، ގޭގެ ފުރާޅުގައި ހަރުކުރާ ކޮންމެ އެއް ކިލޯވޮޓްގެ ސޯލާ އަކަށް މަހަކު 180.60 ރުފިޔާ، ގޭގެ ވެރިފަރާތަށް ކުލީގެ ގޮތުގައި ދިނުމަށް ވެސް ސްޓެލްކޯ އިން ވަނީ ނިންމާފައެވެ. އަދި ސޯލާ ހަރުކުރުމާއި އެކަމަށް ހިނގާ ޚަރަދު ކުރުމަށް ނިންމާފައިވަނީ ވެސް ސްޓެލްކޯ އިންނެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ ސޯލާ ޕެނަލް ހަރުކުރަން ކުއްޔަށް ނަގާނީ 100 އަކަފޫޓުގެ ހުސް ޖާގައެއް އޮންނަ 150 ކިލޯގެ ބަރުދަން އުފުލޭ ވަރު ހުންނަ ގޮތަށް ހަދާފައިވާ ފުރާޅުތައް ކަމަށާއި އެތަނަކީ އިރުގެ އަވި ލިބޭ ތަނަކަށް ވެފައި، ސޯސަލް ޕެނަލް އަދި ކަމާ ގުޅޭ ވަސީލަތްތައް ހަރުކުރަން ފަސޭހަ ތަނަކަށް ވާންޖެހޭނެ ކަމަށެވެ.

މިއީ ހަމަ ޔަގީނުން ވެސް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ނާޒުކު ތިމާވެއްޓަށް ކުޑަނަމަވެސް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމެއް ކަމާއިމެދު ޝައްކެއް ނެތެވެ. އަދި ކަސްޓަމަރުންގެ ގޭގެެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު ރަނގަޅު އާމްދަނީއެއް ހޯދުމަށް ވެސް މިއީ ލިބޭ ފުރުސަތެކެވެ.

ސްޓެލްކޯ އިން ނިންމާފައިވަނި މާލެއާއި އެ ކުންފުނިން ޚިދުމަތް ދޭ ރަށްރަށުގައި ވެސް މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ކުންފުންޏަށް ގުޅައިގެން ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

ޓެގު