English Edition
Dhivehi Edition

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލްގެ ތަރި ނޭމާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ ޕީއެސްޖީގެ ސަޕޯޓަރުން މުޒާހަރާ ކޮށްފިއެވެ.

ފަހަކަށް އައިސް ޕީއެސްޖީން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން މި ސީޒަން ހުސްއަތާ ނިންމާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ކުލަބުގެ ސަޕޯޓަރުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ކުލަބުގެ މައި އޮފީސް ކައިރިއާއި، ނޭމާ އަދި މެސީ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ ސަޕޯޓަރުން އަންނަނީ އަޑު އުފުލާ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާގައި ސަޕޯޓަރުން ޑިމާންޑް ކުރަނީ ނޭމާ އާއި މެސީ ވަގުތުން ވަގުތަށް ކުލަބު ދޫކޮށް ދިއުމަށެވެ.

މެސީއާއި ނޭމާ ކުލަބު ދޫކޮށް ދިއުމަށް ގޮވާލާ ޕީއެސްޖީ ސަޕޯޓަރުން އަޑު އުފުލަމުން އަންނައިރު، ކުލަބުން ވަނީ ސަޕޯޓަރުންގެ މި އަމަލު ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

ހުއްދަ ނުހޯދައި ސައުދީއަށް ފުރި މައްސަލައިގައި ޕީއެސްޖީން މެސީ ސަސްޕެންޑްކޮށްފައިވަނީ މި ހަފްތާގައެވެ. ޕީއެސްޖީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑް ކުރުމާއިއެކު ޓީމާއެކު ޕްރެކްޓިސް ކުރުންވެސް ވަނީ މަނާކޮށްފައިވެއެވެ. އަދި އެ މުއްދަތަށް މެސީގެ މުސާރައިންވެސް ކަނޑާނެ އެވެ.

މި މައްސަލާގައި މެސީ އާއި ކްލަބާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، މި ސީޒަނަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕީއެސްޖީން ވެސް މެސީގެ އެއްބަސްވުން ދެން އިތުރަށް އަލުން އާ ނުކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނޭމާ މިވަގުތު ހުރީ އަނިޔާގައެވެ. ލިބުނު އަނިޔާއާއި ގުޅިގެން ނޭމާއަށް އަށް މި ސީޒަން ނިމިފައިވާއިރު، ނޭމާ މިވަގުތު އަންނަނީ އޮޕަރޭޝަންއެއް ކޮށް ފަރުވާ ހޯދަމުންނެވެ.

ނޭމާއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށް ވަނީ ބެލެވިފައެވެ.