ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ނުސް ބަޔާނެއްގައި ބުނީ މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމަށާއި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެ ކަމަށާއި މީޓަރުގެ ރީޑިންގ ނުނަގައި ސްޓެލްކޯއިން ބިލްކޮށްފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށެވެ.
“ސްޓެލްކޯއިން މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް، އެއްވެސް އަސާސެއްނެތި، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ. “މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި” މި ސުރުޚީގެ ދަށުން 2023 މޭ 1 ގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މިކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށް ފާހަގަކުރެވެއެވެ.” ސްޓެލްކޯ ގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުޞޫލަށް އިޔާދަކުރެވިފައިވާ ކަމަށާއި އެހެންކަމުން، ކޮވިޑް-19ގެ ޚާއްޞަ ޙާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރު ވެސް ރީޑިންގ ނަގާކަމަށް އެ ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަޤީޤަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށެވެ.
ސްޓެލްކޯ އިން ބުނީ ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށާއި މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރަމުން އަންނަކަމަށެވެ.
އެގޮތުން މިއަހަރު ވެސް ހޫނު މޫސުމާ ގުޅިގެން، ޢާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ޚާއްސަކޮށްގެން ވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށް ބުންޏެވެ.
ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދު ވެސް އެ ކުންފުނިން މަރުޙަބާ ކިޔާނެ ކަމަށާއި ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއްނޫން ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.