English Edition
Dhivehi Edition

ރާއްޖޭގެ މިއަހަރުގެ ގައުމީދުވަސް ފާހަގަ ކުރުމަށް ހުރިހާ ސްކޫލްތަކެއްގައި ޚާއްސަ ޖާފަތެއް މިއަދު ބާއްވައިފިއެވެ.

ދިވެހިކެއުމާއި ދިވެހިން އާންމުކޮށް މިހާރު ބޭނުންކުރާ ކެއުން ހިމެނޭގޮތަށް މިޖާފަތް ބާއްވައިފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން ފައިސާ ދެއްވައިގެންނެވެ. އައްޑޫސިޓީގެ ސްކޫލްތަކުގައިވެސް މިއަދުވަނީ ގައުމީދުވަހުގެ ޖާފަތް ބާއްވައިފައެވެ. މިއީ ސްކޫލް މެނޭޖެމެންޓާއި ބެލެނިވެރިންނާއި ދަރިވަރުން ހިމެނޭ ގޮތަށް ބޭއްވި ޚާއްސަ ޖާފަތެކެވެ. މީގެ ކުރިން މިގޮތަށް ސްކޫލްތަކުގައި ގައުމީދުވަސް ފާހަގަކޮށްފައެއް ނުވެއެވެ.

ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވީ ގައުމީދުވަސް ފާހަގަކުރުމަށް އެހެންސްކޫލްތަކެކޭ އެއްގޮތަށް އެސްކޫލުންވެސް ފަށައިފައިވަނީ ރޭ ފަތިހު ފަތިސް ނަމާދަށްފަހު ކުރި ޚާއްސަ ދުޢާއިންނެވެ. އެއަށްފަހު ޖާފަތް ބާއްވައިފައިވަނީ މެންދުރުފަހުއެވެ. މި ޖާފަތުގައި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސްވަނީ ބައިވެރިވެފައެވެ.

މާލޭގެ ސްކޫލްތަކުގައިވެސްވަނީ މިހަރަކާތް ބާއްވައިފައެވެ. ބައެއް ސްކޫލްތަކުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިސްކަންދަރު ސްކޫލް، ހިރިޔާ، އަރަބިއްޔާ، ތާޖުއްދީން ސްކޫލް ހިމެނެއެވެ. ސްކޫލްތަކުގެ މިހަރަކާތުގައި ދައުލަތުގެ އިސް ބައެއްބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގައުމީދުވަހަކީ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވައެވެ. އެއީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު މިރާއްޖެ ސަލާމްތް ކުރެއްވި ދުވަހެއެވެ.