English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވީ 4-2 ގެ ނަތީޖާއިންނެވެ.

މިއީ ޖިރޯނާގެ ތާރީހުގައި އެ ކްލަބުން ރެއާލްގެ މައްޗަށް ކުރި ހޯދި ތިންވަނަ ފަހަރެވެ. އެންމެ ފަހުން މި ދެޓީމުން ރެއާލް ބަލިކޮށްފައިވަނީ 2019 ވަނަ އަހަރު ރެއާލް ދަނޑުގައެވެ. އެ މެޗުން ރެއާލް އަތުން ޖިރޯނާ މޮޅުވީ 1-2 އިންނެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރެއާލްގެ އެއް ވަަނަ ކީޕަރު ތިބޯ ކޯޓުއާ އާއި ކެޕްޓަން ކަރިމް ބެންޒެމާ ނުކުޅެއެވެ.

ރޭގެ މެޗު ފެށިގެން ރެއާލުން ރަނގަޅަށް ކުޅުނު ނަމަވެސް ގިނަ ހަމަލާތައް އުފެއްދީ ޖިރޯނާއިންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ރެއާލުން ހަތަރު ހަމަލާއެއް އުފެއްދިއިރު، ޖިރޯނާއިން ވަނީ ހަ ހަމަލާއެއް އުފައްދާފައެވެ. އޭގެތެރެއިން އޮންޓާގެޓަށް ތިން ހަމަލާއެއް ވަނީ ފޮނުވާލާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ރެއާލުންނެވެ. މެޗުގެ 28 ވަނަ ސިކުންތުގައި ރެއާލްގެ ރޮޑްރީގޯ ފޮނުވާލި ހަމަލާ ގޯލާއި އަމާޒެއް ނުވިއެވެ. ޖިރޯނާ އިން ލީޑުނެގީ މެޗުގެ 12 ވަނަ މިނިޓްގައެވެ. އެޓީމުން ލީޑު ނެގީ ކަސްޓެޔާނޯސް ޖެހި ލަނޑުންނެވެ. މެޗުގެ 23 ވަނަ މިނިޓްގައި ޖިރޯނާ އިން ވަނީ ކަސްޓެޔާނޯސްގެ ދެ ވަނަ ލަނޑުން ލީޑުފުޅާކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި މާކޯ އަސެންސިއޯ ނެގި ހުރަހަކުން ވިނީޝިއުސް ޖޫނިއާ ވަނީ ބޮލުން ލަނޑެއް ޖަހައި ރެއާލަށް އުންމީދު އާކޮށްދީފައެވެ.

ރެއާލްގެ މި ލަނޑާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ނަތީޖާއަކީ 1-2 އެވެ.

އެހެން ނަމަވެސް ދެ ވަނަ ހާފު ފަށައިގެން 34 ސިކުންތު ތެރޭގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކަސްޓެޔާނޯސް ވަނީ ގޯލަށް ފޮނުވާލައި، މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި މެޗުގައި ކަސްޓެޔާނޯސްގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނިޓްގައެވެ. ރެއާލްގެ ފަހު ލަނޑު ޖެހީ ލޫކަސް ވަޒްކޭޒްއެވެ.

ރޭގެ މެޗުން ރެއާލް ބަލިވުމާއި އެކު އެއް ވަނައިގައި އޮތް ބާސެލޯނާއަށް ވަނީ ލީޑުފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 30 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 31 މެޗުން 65 ޕޮއިންޓާ އެކު ރެއާލް އެވެ.