English Edition
Dhivehi Edition

ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޙިލާފަށް ބުނެވޭ ބަހެކެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ.

ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ.
إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل، 105)
މާނަ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.
އަދި އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ގޮތުގައި ދޮގުހެދުމަކީ ފާފައެކެވެ. އަދި އެކަން މަގުދައްކަނީ ނަރަކައަށެވެ. ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ، ﷲ ގެ ޙަޞްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވޭހުއްޓެވެ.

ކަންމިހެން ހުރިނަމަވެސް މިއަދުގެ ހާލަތައް ބަލާއިރު، ދޮގު ބަހުން ވާހަކަ ދެއްކުން ނުވަތަ ދޮގުހަދައިގެން ވާހަކަ ދެއްކުމަކީ އަހަރެމެންގެ ތެރޭގައި ގިނަ ބައެއްގެ ކަށީގައި ހިފައިފައިވާ ކަމެކެވެ. ދޮގު ހަދާމީހުން ދެކޭ ގޮތުގައި އެމީހުނަށް ދޮގެއް ހަދާކުމަކީ މާ ބޮޑުކަމެއް ނޫނެވެ. އަދި އެއީ ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް ލިއްބައިދޭ ކަމެއް ކަމުގައި އެފަދަ މީހުން ދެކެެއެވެ.

މިފަދަ މީހުން ސަމާސާއަކަށް ނަމަވެސް ދޮގެއް ހަދާނުލާ ހިތްހަމައެއް ނުޖެހެއެވެ. މިއީ ނުރައްކާތެރިކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވީ ނަމަވެސް އެވެ.

ގިނަ ބަޔަކު ދޮގު ހަދަނި ކަމެއް ފޮރުވުމަށް ނުވަތަ ކަމެއް ފޫބައްދާލާ އެކަމަކުން ސަލާމަތްވުމަށެވެ. ވިސްނާލްން ޖެހޭ ހަޤީޤަތަކީ ކުޑަ ކުޑަ ކަމެއް ފޫބެއްދުމަށް ވެސް ދޮގެއް ހަދައިފި ނަމަ އެ ދޮގު ފޮރުވުމަށް އެތައް ގިނަ ދޮގެއް ހަދަން ޖެހޭކަމެވެ.

ބިރަކައި ނުލާ ހެދުމަކީ މާބޮޑުކަމަކަށް ނުވެއެވެ. ތިމާ ކުޅަ ކުށެއް ފޫބެއްދުމަށް އެތައް ހާސް ދޮގެއް ހެދިނަމަވެސް އެކަމުން ނިކުންނަ އާޙިރު ނަތީޖާ މާ ހިތިވާނެއެވެ. ދޮގެއް ބުނެ އަނެކާގެ ހިތް ރުއްސާލުމަށްވުރެ ތެދު ބުނެ ރޮއްވާލުންވެސް މާ އައުލާކަންބޮޑެވެ. ދޮގުހެދުމަކީ ފިތުނައިގެ ފެށުން ކަމުގައިވީއިރު އިސްލާމް ދީނުގައި ދޮގުހެދުމުގެ ނުބައިކަން ވަނީ އަންގަވާ ދެއްވާފައެވެ.

މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުހަކުން