English Edition
Dhivehi Edition

އަޚުންނޭވެ! ތިޔަ އަހުންގެ މައްޗަށް މި ފާޅުވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ.

އެތަކެއް ގިނަގުނަ ހެޔޮކަންތައްތަކާއި އަދި އިތުރު ގުނަ ތަކަށް ގުނެވިގެންދާ އަޖުރުތަކެއް އެ ދުވަސްތަކަށް ކަނޑައެޅިފައިވެ އެވެ.

ގިނަ ގުނަ ދަލީލުތަކެއް މި ދުވަސްތަކާއި ރޭތަކުގެ މަތިވެރިކަމަށް ވާރިދުވެގެންވެ އެވެ. އެފަދަ ޚާއްޞަވެގެންވާ ދަލީލުތަކުގެ ތެރޭގައި :

1. ޞަޙީޙު مسلم ގައި عَائِشَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ. كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَجْتَهِدُ في العَشْرِ الأوَاخِرِ، ما لا يَجْتَهِدُ في غيرِهِ “ރަމަޟާން މަހުގެ ފަހު ދިހައިގައި އެނޫން އެއްވެސް ދުވަސްތަކެއްގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް ނަބިއްޔާ صلى الله عليه وسلم މި ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ.”

2. الصحِيحين ގައި ވާރިދުވެގެންވެ އެވެ. كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وأَحْيَا لَيْلَهُ، وأَيْقَظَ أهْلَهُ ރަމަޟާން މަހުގެ ފަހުދިހަ ބައްދަލު ކުރުމާ އެކުގައި ނަބިއްޔާ ﷺ އިޒާރުކޮޅު އުނަގަނޑުގައި ގަދައަށް އައްސަވާ ލައްވަ އެވެ. އަދި ރޭގަނޑު އެކުގައި ހޭފުޅުލައްވައި ހުންނަވައި (ރޭގަނޑުގައި އެކުއެކީގައި) އަޅުކަމުގައި ޤާއިމްވަޑައިގެން އިންނަވަ އެވެ. އަދި އަހުލުން އެ ރޭތަކުގައި ހޭލައްވައި ބައިތިއްބަ އެވެ.”

ޙަދީޘްގައި ޛިކުރު ކުރެވިގެންވާ “އުނަގަނޑުގައި އިޒާރު އައްސަވައި” މުރާދަކީ އަނބިންނާ އެކުގައި އެއްދާން ކުރެއްވުން ދޫކުރެއްވުމެވެ.

العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. “ފަހެ މިޙަދީޘްތަކުން ދަލީލު ކުރެވެނީ މި ދިހައިގެ މަތިވެރި ކަމެވެ. ސަބަބަކީ މި ދިހައިގައި އެހެން ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް މަސައްކަތްޕުޅު ކުރެއްވުމެވެ. ފަހެ، މި މަސައްކަތް ކުރެއްވުމުގެ ތެރެއަށް އެންމެހައި އަޅުކަންތަކެއް ޝާމިލްވެގެންދެ އެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ކުރުމާއި އެނޫންވެސް އަޅުކަންތަކެވެ. ނަބިއްޔާ ﷺ އިޒާރުކޮޅު އުނަގަނޑުގައި އައްސަވާލެއްވުމުން، ޔަޢުނީ ނަމާދު ކުރުމާއި ޛިކުރު ކުރުމަށްޓަކައި އަނބިންނާ އެއްދާންކުރުން ދޫކުރައްވައި އެއްކިބާވެވަޑައިގެންނެވުމެވެ.”

3. އަޚުންނޭވެ! އެފަދައިން ޢިލްމު ލިބިވަޑައިގެންފައިވާ ނަބިއްޔާ ޢަމުލުފުޅު ނުކުރައްވާނީ ކިހިނެތްތޯ އެވެ. ނަބިއްޔާ މި ރޭތަކުގައިވާ ލައިލަތުލް-ޤަދްރި އާމެދު މިފަދައިން ޙަދީޘް ކުރެއްވި އެވެ. صحيح البخاري ގައި ވާރިދުވެގެންވެ އެވެ. ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. مَن قَامَ لَيْلَةَ القَدْرِ إيمَانًا واحْتِسَابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ “لَيْلَةَ القَدْرِ ގެ (ޝަރަފާ މަތިވެރިކަން ޤަބޫލުކޮށް) އެ ކަމުގެ އަޖުރާއި ޘަވާބަށްއެދި އަޅުކަމުގައި ޤާއިމްވެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ އެމީހާއަށް ފުއްސަވައި ދެއްވާނެ އެވެ.” ފަހެ، ޝަރަފާއި މަތިވެރިކަމާއި މާތްކަމަށް މި ރޭތައް ނުހަނު ބޮޑުވެގެންވެ އެވެ.

4. މި ރޭތަކުގެ މާތް މަތިވެރިކަން ބަޔާންވެގެންވާ ދަލީލުތަކު ތެރޭގައި މާތް ނަބިއްޔާ، އަނބިކަނަބަލުންނާއި އަދި ދަރިކަނބަލުންތައް މިރޭގެ އަޅުކަމުގައި ޤާއިމްވުމަށްޓަކައި ހޭފުޅުލައްވަ އެވެ. މިބަސްތައް ބަޔާން ކުރައްވާ العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

“ފަހު ދިހައިގެ މަތިވެރިކަން މި ޙަދީޘްތަކުން ދަލީލުވަނީ، ނަމާދު ކުރުމަށާއި ޛިކުރު ކުރުމަށްޓަކައި ނަބިއްޔާ އަނބިދަރިން މި ރޭތަކުގައި ހޭފުޅުލެއްވުމެވެ. އެއީ މި ބަރަކާތްތެރި ރޭތަކުގެ ހެޔިކަމުގެ ފުރުސަތު ހޯދުމަށްޓަކަ އެވެ. (ޝައްކެތްވެސް ނެތް ގޮތުގައި) އަޅުކަން ކުރުމުގައި (ހޯދުމަށް) މިއީ ބޮޑުވެގެންވާ ފުރުސަތެކެވެ. ހަމަކަށަވަރުން މިއީ ޢުމުރުދުވަހުގައި (ވޭތުވެދިޔަތަން އަތުލައިގަތުމަށް) އޮތް ފުރުސަތެކެވެ. މިއީ ﷲ އެމީހަކަށް ތަޥްފީޤުދެއްވައިފި އަޅަކަށް އޮތް ޣަނީމާ އެކެވެ. މި އަގުބޮޑު ފުރުސަތު އޭނާގެ މަތިން ފާއިތުކޮށްލަން މުއުމިނު އަޅަކަށް ހުއްދައެއް ނުވާނެ އެވެ….. މި (ފުރުސަތުގެ މައްޗަށް ހުރި) އަބާއްޖަވެރި ކަމުގެ ބޮޑުކަމަކީ، ވަރަށްވެސް ގިނަ މުސްލިމުން މި އަގުހުރި ވަޤުތުތައް އެބައިމީހުންނަށް އެއްވެސް މަންފާއެއް ނުކުރާ ކަންތައްތަކުގައި ހޭދަކުރުމުގައި ވުމެވެ. ރޭގަނޑުގެ ބޮޑުބައި އަގެއްނެތް ބޭރާކު ބާޠިލް ކަންތައްތަކުގެ ހޭދަ ކުރުމެވެ. އަދި ޤިޔާމުގެ ވަޤުތުގައި އެބައިމީހުން ނިދައި އެ ވަޤުތު އެބައިމީހުންނަށް ފާއިތުވެގެން ދެ އެވެ. ފަހެ، ފަހަރެއްގައި މި އަހަރަށްފަހުގައި އެބައިމީހުންނަށް މި ފުރުސަތު ނުލިބިދާ ހުއްޓެވެ. ފަހެ، މިއީ އެބައިމީހުންގެ މައްޗަށް ޝައިޠާނާ ހެއްލެނިވެ އެ ޝައިޠާނާގެ ރޭވުންތަކުގައި އެބައިމީހުން ޖައްސައިފައިވުމެވެ.”

އަޚުންނޭވެ!

އަހަރެމެންނާ ބައްދަލު ކުރާ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކުގެ މައްޗަށް الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ މި ރޭތަކުގައި، ފުރަތަމަ 20 ދުވަހުގައި އަޅުކަމުގައި ޤާއިމްނުވާ މިންވަރަށް އަޅުކަންތައް ކުރުމަށް ޚާއްޞަކޮށް ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ. އަދި މިފަދައިން އެ ނަބިއްޔާގެ ޞަޙާބީން ވެސް އަމަލުފުޅު ކުރައްވަ އެވެ. އަދި އުއްމަތުގެ ސަލަފުއް ޞާލިޙުން އެއަށްފަހު އެ ގޮތުގައި ޤާއިމްވި އެވެ. މި 10 ދުވަސް ނުހަނު މަތިވެރިކުރައްވާ އެކިއެކި ބާވަތްތަކުގެ އަޅުކަން ކުރެއްވުމުގައި ނުހަނު ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ.“

مجموع الفتاوى 427/15.

އަޚުންނޭވެ! ކުރިމަތީގައި މިވާ ދުވަސްތަކުގެ މައްޗަށް ވިސްނުން ހުއްޓެވެ. ފަހެ، ﷲ ދެއްވި ބޮޑުވެގެންވާ ނިޢުމަތެއްކަން ދަންނަ އެވެ. ފުރުސަތުގެ ބޭނުން ހިފުމަށް، ކުރެވޭނެ އެންމެ ހެޔޮވެންވާ ޢަމަލުތައް އަދާ ކުރުމަށް ތައްޔާރުވުން ހުއްޓެވެ.

ނުނީ ނަފްސަށް އޮންނާނީ އެ ވަޤުތުތައް ގެއްލިފަ އެވެ. އަތުން ފުރުސަތު ބީވެގެން ގޮސްފަ އެވެ.

 

ނޯޓް: މި ލިޔުމުގައި ހިމަނާފައި މިވަނީ އަބޫއަނަސްއެމްވީޑޮޓްކޮމްއިން ނެގިފައިވާ މައުލޫމާތުކޮޅެއް