English Edition
Dhivehi Edition

އެކައުންޓެންޓް ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.

މި މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު އަޒާދު އެވެ.

އެކައުންޓެންޓް ޖެނެރަލްގެ މަގާމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު، ދައުލަތުގެ ފައިސާއާއި ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބެލެހައްޓުމަށާއި ހިންގުމަށް ފިނޭންސް މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލް އެއް ހުންނަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާގައި ބުނެފައި ވަނީ ފައިނޭންޝަލް ކޮންޓްރޯލަރގެ ނަމުގައި މަގާމެއް އުފައްދައި އެމަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެ ކަމުގަ އެވެ.

ދައުލަތުގެ ފައިސާއާއި، ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުމަކީ އެކައުންޓެންޓް ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާ ކުރައްވަން ޖެހޭ މަސްއޫލިއްޔަތު ތަކެވެ.

މީގެ އިތުރުން ދައުލަތުގެ ފައިސާ ހޭދަކުރަނީ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ ބެލުމަކީވެސް އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ.

އަޒާދަކީ މި މަގާމަށް އައްޔަންކުރުމުގެ ފިނޭންސް މިނިސްޓްރީގަައި ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމު އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.