English Edition
Dhivehi Edition

މިފަދަ މާތް މައްސަރެއް ނިމިގެންދާއިރު، ހިތްތައް އަލިވެ، ދޫ ފަސޭހަވާންޖެހޭ ކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ކުރިއަށް ގެންދާ އިހްޔާ ފޯރަމްގައި ތަގުރީރު ކުރައްވަމުން އިލްޔާސް ވިދާޅުވީ މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށެވެ.

ޝައިޚް ވިދާޅުވީ ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއް ކަމަށާއި އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރަންޖެހޭކަމަށެވެ. އަދި ވިސްނާ ފިކުރުކުރުމާއިއެކު ޤުރުއާން ތިލާވަތު ކުރުމަކީ އީމާންކަން އިތުރުވެ، ހިތް ސާފުވާކަމެއްކަމަށެވެ.

“ވިސްނާ ފިކުރުކޮށް ޤުރުއާން ތިލާވަތުކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާ. އެފޮތަކީ އީމާންކަމުގެ އަހުލުވެރިންނަށް އުފާވެރިކަން ދެއްވާ ފޮތެއް. މި އުފާވެރިކަން ލިބޭނީ ވިސްނާ ފިކުރުކުރުމާއިއެކު އެ ފޮތުގައިވާ އާޔަތްތައް ކިޔައި، އެގޮތަށް ޢަމަލުކޮށްގެން.” ޝައިޚް އިލްޔާސް ވިދާޅުވި އެވެ.

ދަރިވަރުންނާއި މުޚާތަބްކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ޢަމަލުކުރަންޖެހޭ ގޮތާއި ޢަމަލުކުރަން ނުޖެހޭ ކަންތައްތައް ބަޔާންވެގެންވާ ކަމަށެވެ. އެހެންކަމުން އެފޮތް ވިސްނައިގެން ކިޔަވަން ދަރިވަރުންނަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ޤުރުއާން ދިރާސާކޮށް ޤުރުއާން ތިލާވަތުކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށާއި އެހެންކަމުން މި ފޮތަށް ހަޤީޤީ މާނައިގައި އެނބުރި ރުޖޫޢަވާން ޖެހޭކަމަށް ވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.