English Edition
Dhivehi Edition

އަޅުގަނޑުމެންގެ ގައުމު މިދަނީ ދާން ބޭނުންވާ މިސްރާބަކަށް ނޫން ކަމަށް ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެން ނޭދޭ އެތައް ކަމެއް އެބަހިނގާ ކަމަށެވެ. އަދި ގައުމުގެ އިޖުތިމާއީ ފޭރާން އެއްކޮށް ހަލާކުވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާ މުޅި ގައުމުގައި ފެތުރިއްޖެ ކަމަށާއި ހުއްޓުވާނެ އަތެއް، މަނާކުރާނެ ގާނޫނެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބަސްބުނާނެ ހިތްވަރެއް ނެތްއިރު، ކޮރަޕްޝަނާއި ފަސާދަ ވަނީ އިންތިހާއަށް ފޯރާފައި ކަމަށް ވެސް ވިދާޅުވިއެވެ.

“މިކަން ހުއްޓުވޭނެ ގޮތެއް ނެތް. ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތެރެއިން ނޫނީ ނުކުރެވޭނެ ކަމެއް. އެކަން އަޅުގަނޑުމެންނަށް ކުރުމަށްޓަކާ ހީވާގި، ކެރޭ، ގާބިލު ބަޔަކު ރައްޔިތުންގެ މަޖިލީހަށް އައްޔަންކުރަންޖެހޭ.” އާރިފް ވިދާޅުވިއެވެ.

ހަމަމިއާއެކު ސަރުކަރު ހިންގާ ފަރާތަށް ސުޕަރ މެޖޯރިޓީ ދިނީމާ ކަންކުރާނެ މަގު ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ކަމެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޖަލްސާގައި އޭނާ ވަނީ ރާއްޖޭގައި ބޮޑެތި ޕާޓީތައް ހުއްޓާ އެމްއެންޕީ ޚިޔާރުކުރި ސަބަބު ވެސް އޮޅުންފިލުވައިދެއްވާފައެވެ.

އެގޮތުން އެމްއެންޕީގެ ސިޔާސަތަކީ އޭނާ ބޭނުންވާ މަގަށް ދަތުރުކުރަން އޮތް ވަރަށް ރަނގަޅު މަގެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޕާޓީގެ ސިޔާސަތުތަކަށް ބަލާލާއިރު، ގައުމަށް ޣައްދާރުވެވޭނެ ގޮތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމަށް ނުރަނގަޅުކަމެއް ގެނެވޭނެ އަދި އިސްލާމް ދީނަށް ފުށުއަރާނެ އެއްވެސް ކަމެއް އެ ޕާޓީގެ ސިޔާސަތުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ. އެހެންވެ، އެމްއެންޕީގެ ސިޔާސަތުތަކާއެކު ގައުމު ދާން ބޭނުންވާ މިސްރާބަށް ގެންދެވޭނެކަމުގެ އެއްވެސް ޝައްކެތް ނެތް ކަމަށް ވިދާޅުވިއެވެ.

އެ ޕާޓީއަކީ ކުޑަ ޕާޓީއެއް ކަމަށް ބަޔަކު ދެކުނުނަމަވެސް، މުސްތަގުބަލުގައި އެ ޕާޓީވެގެންދާނީ އެންމެވަރުގަދަ، އެންމެ ހީވާގި، އެންމެ ކެރޭ އަދި އެންމެ ކާމިޔާބު ޕާޓީއަށް ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.