English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑެންގ ބޮކިންގ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސީ.އައި.ޑީ.ސީ.އޭގެ ވައިސް ޗެއަރމަން ވަނީ، ދިވެހިރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފަ އެވެ. އަދި ފާއިތުވެ ދިޔަތަނުގައި، ދެޤައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރައްވައި، ފާއިތުވެ ދިޔަ އަހަރުތަކުންފެށިގެން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި ޢުމުރާނީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކާގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަން ފާހަގަކުރައްވައި، ވިލުންވެެރި މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޚާއްޞަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ މިގުޅުން، ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވަމުން ނެވެ.