English Edition
Dhivehi Edition

ސަރުކާރުގެ ބައެއް އޮފީސްތައް ހިންގުމަށް ބޭނުންކުރާ ޣާޒީ ބިލްޑިންގ ތަޅާލުމަށްފަހު، އެތަނުގައި ޕާކިންގ ޒޯނެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.

އެ އިމާރާތުގައި މިހާރު ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވެސް ކަރެކްޝަނަލް ސާވިސް އަންނަނީ ހިންގަމުންނެވެ. އެކަމަކު އެ އިމާރާތަކީ މިހާރު ބޭނުން ނުކުރެވޭ ވަރަށް ބާވެ، ރެނދު ވެސް ލާފައިވާ އިމާރާތެކެވެ. އަދި އެތަން ތަޅާލަން ނިންމީ އެ ސަބަބާ ހެދި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ތަޅާލުމުގެ މަސައްކަތް މި ރަމަޟާންމަހަށްފަހު، އޭޕްރީލް ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ޢިމާރާތް ތަޅާލުމަށްފަހު އެ ބިން ބޭނުންކުރުމަށް ނިންމާފައިވަނީ ޕާކީން ޒޯނެއްގެ ގޮތުގައިކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގައި ޕާކިންގ މައްސަލަ ބޮޑުވެފައިވާއިރު، ވެލާނާގެ ވެސް ހުންނަ އެ ސަރަހައްދަކީ ވަކިން ޚާއްސަކޮށް އެ މައްސަލަ ބޮޑު ސަރަހައްދެކެވެ. އެގޮތުން ސަރުކާރު ގިނަ އޮފީސްތައް ވެލާނާގޭގައި ހުންނަ އިރު ރަސްމީ ގަޑީގައި އެ ސަރަހައްދުގައި ޕާކު ކުރުމަކީ ދަތިކަމެކެވެ. އެކަން ހައްލުކުރުމަށް ދާދި ފަހުން ހުރަވީ ބިލްޑިންގ ވެސް ތަޅާލައި އެތަނުގައި ވަނީ ޕާކިންގ ޒޯނެއް ހަދާފައެވެ.