English Edition
Dhivehi Edition

ހަށިހެޔޮ ކަމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތަކީ މުހިންމު އެއްޗެކެވެ. އެކި ހާލަތްތަކުގައި ސިކުނޑީގައި ހެދޭ ނުތަނަވަސްކަން ފިލުވައިލާ މަންތިރިއެކެވެ. ކަށިތަކުގައި ވަރުޖައްސާލާ ބުންވަރު އިތުރު ކޮށްދެއެވެ، ލޮޑު ކަމެއްނެތި ހެލިފެލިވެ އުޅުމަށް މަގު ފަހި ކޮށްދޭ ކަމެއްގެ އިތުރުން ބަރުދަން ލުއި ކޮށްދީ ބޭކާރު ސަރުބީ ވިރުވާލައެވެ.

ބަރަކާތްތެރި ރަމަޝާން މަހާއި ބައްދަލުވެ ކުރިއަށްދާއިރު ޤަވާއިދުން ކަސްރަތު ކުރާ ފަރާތްތަކަށްވެސް ކަސްރަތު ކުރުމަކީ ބުރަ ކަމެކޭ އިޙްސާސްވެއެވެ. ރޯދަ ހިފައިގެން ހުރެ ކަސްރަތު ނުކުރެވޭނެ ކަމަށް ހީވެއެވެ. ގަޑިން ގަޑިއަށް ނަމާދުކޮށް ހަދާލާފައި ގޭތެރޭގެ ކަންތަކުގައި މަޝްޣޫލުވެ އުޅުމަށްފަހު ރޯދަ ވީއްލައި ތަރާވީސް ނަމާދު ކޮށްލާފައި ކަސްރަތެއް ކުރާނެ ވަގުތުވެސް ނުވާ ކަމަށްވެއެވެ. ނުވަތަ މާ ގިނައިން ކާލައިން ހަށިގަނޑު ލޮޑުވެ ސޯފާގައި ޓީވީ ބަލަން ތިބެވޭ ކަމަށް ބުނެއެވެ. މިއީ ގޯހެއްކަން އިޙްސާސްވަނީ ވެސް އެހެންޔާ ނުވާ އުނދަގޫ ތަކެއްވެ ޑޮކްޓަރަށް ދައްކަން ދާންޖެހޭ ހިސާބުންނެވެ.

ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ އަޒުމެއް ކަނޑައަޅައިންނެވެ. އެކަމެއް ކުރާނެ މަގު ހޯދައި ފަށައިގަނެގެންނެވެ. ރޯދަ މަހުގައި ކަސްރަތު ނުކުރެވޭންވީ ސަބަބެއް ނެތެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ރޯދަމަހަކީ ތިމާގެ ހަށިގަނޑުން ބަރުދަން ލުއިކޮށްލަން ލިބޭ ރަނުގެ ފުރުސަތެކޭ ހީވެ، ކުރިއަށްދާން އުޅެގެން އަދި ކުރިއަކަށް ނުދެވޭނެއެވެ. އެވިސްނުމަކިީ މުޅިން ރަނގަޅު ވިސްނުމަކަށް ނަހަދާށެވެ. އަމާޒު ކުރަންވީ ތިމާ ހަށިހެޔޮ ކަމާއި ދުޅަހެޔޮކޮށް ހުރުމަށް ބުންވަރު އެއް މިނެއްގައި ބެހެއްޓުމަށެވެ. އެހެން މަސްތަކާއި ހިލާފަށް ތިމާ ކުރަންވީ ކޮން ކަހަލަ ކަސްރަތެއް ކަން ދެނެގަނެ ގެންނެވެ، ކަސްރަތު ކުރަންވީ ކޮން ވަގުތެއްގައި ކަން ދެނެގަނެގެންނެވެ.

މުހިންމީ ތަފާތު އާ ކަސްރަތުތަކެއް ތިމާގެ ކަސްރަތު ލިސްޓަށް ލާ، އާންމުކޮށް ނުކުރާ ކަސްރަތު ތަކަކުން ފެށުމެއް ނޫނެވެ.އާންމު އުސޫލުން ކުރަމުން ދިޔަ ކަސްރަތު ތަކުން ފަށާށެވެ. ކަސްރަތުގެ ސެޓް މަދުކޮށް، ރެސްޓް ގިނަކޮށް ފަސޭހައިން ކަސްރަތެއް ކުރެވޭ ގޮތަކަށް ކުރާށެވެ، މިސާލަކަށް “ޖަމްޕް ސްކޮޓް” ފަދަ ކަސްރަތުތައް “ނޯމަލް ސްކޮޓް” ގޮތުގައި ކުރެވިދާނެއެވެ، ރަމަޝާން މަސް ނޫން އެހެން މަސްތަކުގައި ކަސްރަތު ކުރާ ވަރަށްވުރެ ކަސްރަތުގެ ގަޑި ކުރުކޮށްލާށެވެ، އެހެނީ %100 އަށް ކަސްރަތު ކޮށްގެން ރޯދަ މަހުގައި ކެއުމަށް ލިބޭ މަދު ވަގުތު ކޮޅުގައި ހަށިގަނޑު ލޮނޑުވާ ވަރަށް ކެއުން ރަނގަޅެއް ނޫނެވެ. ގަވައިދުން ކަސްރަތު ކުރާ ފަރާތްތައް ހަފްތާއަކު ކޮންމެ ދުވަހަކު ކަސްރަތު ކުރި ކަމުގައިވިޔަސް އަލަށް ފަށައިގަންނަ ފަރާތްތަކުން ހަފްތާއަކު ތިން ދުވަހު ކަސްރަތު ކުރާށެވެ. ކަސްރަތު ކުރާނެ ޝެޑިއުލް އެއް އަމިއްލައަށް ތައްޔާރު ކޮށް ކަސްރަތަށް ފަހު އެދުވަހެއްގެ ކަސްރަތުތައް ކުރެވުނު ކަމަށް ފާހަގަ ޖަހަމުން ދާށެވެ، އެހެނީ އެއީ ކަސްރަތު ކުރުމަށް ތިމާއަށް ލިބޭނެ ހިތްވަރެކެވެ.

ބަނޑުހައިވެ ހައިހޫނު ކަންމަތީ ކަސްރަތު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެން ކަމުން ރަމަޟާން މަހު ކަސްރަތު ކުރުމުގައި ކަސްރަތު ކުރާ ގަޑިއަކީ ވަރަށް ސަމާލްކަން ދޭންޖެހޭ ކަމެކެވެ. ތިބާގައިގައި ކަސްރަތު ކުރުމަށް ބުންވަރު ހުންނަން ޖެހެއެވެ، ދިރާސާ ތަކުން ދައްކާ ގޮތުގައި ހައިހޫނުކަންމަތީ ހުރެ ކަސްރަތު ކުރާނަމަ ތިމާގެ ހަށިގަނޑުގެ ބުންވަރާއި މަސްލް މާސް ދަށްކޮށްލައެވެ. އެހެން ކަމުން ކަސްރަތު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ރޯދަވީއްލައިންނެވެ، ކުޑަ ގޮތަކަށް ރޯދަ ވީއްލާލައިން ކަސްރަތު ކުރަން ފެށުމަކީ އެކަސްރަތެއް ކުރުމަށް އެމީހެއްގައިގައި ބުންވަރާއި ހަކަތަ ހުންނާނެ ކަމެކެވެ، ދެނަމާދު ދޭތެރޭގައި ކަސްރަތު ކުރާނަމަ ކަސްރަތައް ހޭދަ ކުރާ ވަގުތު ކުރުކޮށް ކުޑަކޮށް ހައިއިންޓެންސިޓީ ކަސްރަތެއް ކުރާށެވެ. މީގެ އިތުރުން ދިރާސާ ތަކުން ދައްކާ ގޮތުގައި ތަރާވީޙް ނަމާދަށްފަހު ބޮޑު ކެއުމެއް ކާނުލައި ކަސްރަތު ކޮށްލުމަކީ ބުއްދިވެރި ކަމެކެވެ. އެހެނީ ކަސްރަތަށްފަހު ދެން ކާ ކެއުމަކީ ތިމާއަށް މަސްލް ރިކަވަރީ، މަސްލް ގްރޯތު އަދި ފެޓް ލޮސްއަށް އެހީ ވާނެ ކަމެކެވެ.