English Edition
Dhivehi Edition

ޖަރުމަނުގެ ޗެމްޕިއަން އެފްސީ ބަޔާން މިޔުނިކަށް ކޯޗުކޮށްދެމުން ދިޔަ ޒުވާން ކޯޗު ޖޫލިއަން ނަގެލްސްމަން މަޤާމުން ވަކިކޮށް އެ މަޤާމަށް ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަމަޖެއްސުމަކީ ބަޔާން މިޔުނިކުން ހެދި ގޯހެއްކަމަށް ޖަރުމަނުގެ ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނަންފަށައިފިއެވެ.

ނަގެލްސްމަން ބަޔާންގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުގައެވެ. އޭރު އާރްބީ ލެއިޕްޒިގަށް ކޯޗުކޮށްދެމުން ދިޔަ ނަގެލްސްމަން ބަޔާންއަށް ގެނައީ 25 މިލިއަން ޕައުންޑުގެ އަގަކަށް ސީޒަނަކަށް 8 މިލިއަން ޕައުންޑް ދޭ ގޮތަށެވެ. ނަމަވެސް ބަޔާންއިން ފަހަކަށް އައިސް ޗެމްޕިއަންސް ލީގުގައި އެދެވޭ ކާމިޔާބީއެއް ނުހޯދުމުގެ ސަބަބުން ނަގެލްސްމަން މަގާމުން ވަނީ ވަކިކޮށްފައެވެ.

ނަގެލްސްމަން މަޤާމުން ވަކިކުރުމަށް ފަހު އެ މަޣާމަށް ތޯމަސް ޓުޗެލް ހަމަޖެއްސި އިރު، މި ބަދަލަކީ އެންމެ އެކަށޭނަ ބަދަލެއްކަމުގައި ނުވާނޭކަަމަށް ޖަރުމަނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެގޮތުން ޓުޗެލް ބަޔާންގެ ކޯޗުކަމާއި ހަވާލުވުމުން ޓީމުން ފެންނަން ނުޖެހޭ އެތަކެއް ބަދަލުތަކެއް ފެނިގެންދާނޭ ކަމަށާއި އެގޮތުން މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ގެތެރެއިން ގިނަ ކުޅުންތެރިން އެހެން ޓީމުތަކަށް ވިއްކާލުމާއި އެހެން ޓީމުތަކުން ބޭނުން ނުހިފޭ ކުޅުންތެރިން ކުލަބަށް ގެނައުންފަދަ ކަންކަން ހިނގާނޭ ކަމަށް އެފަރާތުން ބުނެއެވެ.

ޓުޗެލް އަކީ މޮޅު ކޯޗެއް ނަމަވެސް ޓުޗެލްގެ ސިޔާސަތަކީ ބަޔާންއަށް އެންމެ ކަމުދާ ސިޔާސަތަކަށް ނުވާނެ ކަމަށާއި އެގޮތުން ބަޔާނައަށް ނުރަނގަޅު ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.