English Edition
Dhivehi Edition

ރަމަޟާންމަހަކީ އީމާންކަމާއި ހެޔޮއަމަލުގެ މައްސަރެވެ. އެހެންކަމުން ރަމަޟާން މަހުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރި ކޮށްދީ އެއްބަޔަކު އަނެއްބައެއްގެ މެދުގައި އަޚުވަންތަ ގުޅުން ބަދަހިކޮށް ހެދުމަކީ މުހިންމު ކަމެކެވެ.

އެގޮތުން ވެރިން ރައްޔިތުންނަށް، މަސްއޫލުވެރިން އެމީހުންގެ މުވައްޒަފުންނަށް، މުދައްރިސުން ދަރިވަރުންނަށް ކަންތައްތައް ރާވާ ހިނދު، ނަމާދު ވަގުތުތައް ފާއިތުނުވާ ގޮތަށް ކަންތައްތައް ރާވަންޖެހޭނެއެވެ. އަދި ފަރުޟު ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރި ވެ އެހިތެރިވާން ޖެހޭނެއެވެ.

ރަމަޟާން މަހަކީ އެކުވެރިވެ، ރޫޅިފައިވާ ސަފުތައް އެއްވާންވީ މައްސަރު ކަމަށާއި އެއީ ގައުމުގެ މަސައްލަހަތު ކުރިއަށް ނެރެ މަސައްކަތްކުރަންވީ މައްސަރެވެ.

(ރަމަޟާން މަހަކީ) ކިލަނބު ވެފައިވާ ހިތްތައް އެކުވެރިކުރުވަންވީ މައްސަރެވެ! ގައުމުގައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވާންވީ މައްސަރެވެ! ކާބޯތަކެތިގެ އަގުތައް އެހެން މައްސަރުތަކަށްވުރެ ހެޔޮކުރަންވީ މައްސަރު ވެސް މެއެވެ،

އަދި ރަމަޟާން މަހުގައި އެކުވެރިކަމުގެ އާ ސަފްހާތަކެއް ހުޅުވާލައި ރަމާޟާން މަހަށްފަހު، ވެސް އެކަން ދެމެހެއްޓުމަށް އަހަރެމެން އެންމެން ވެސް މަސައްކަތް ކުރަން ޖެހެއެވެ.

ރަމަޟާން މަހަކީ ތައުބާގެ މައްސަރެވެ. ތައުބާގެ ދޮރު ﷲ ހުޅުވައި ދެއްވާފައިވާ މައްސަރެވެ. އެގޮތުން އެކަލާނގެ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތައުބާ ލެއްވުން ﷲގެ ހަޒްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭ މީހުންނަށެވެ. ފަހެ،ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ.އަދި މޮޅަށް ދެނެވޮޑިގެންވާ ހަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”