English Edition
Dhivehi Edition

ރަމަޟާން މަހަކީ އަހަރުގައި އަންނަ އެންމެ ބަރަކާތްތެރި އަދި އެންމެ މާތް މައްސަރެވެ. އެ މައްސަރަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާވައިލައްވައި އިންސާނުންގެ މައްޗަށް ރޯދަ ފަރުޝުކުރެއްވުނު މައްސަރެވެ. އެހެން ކަމުން މި މައްސަރުގައި ރޭ އަޅުކަން ކުރުން އިތުރު ކުރުން މުހިންމެވެ.

ރަމަޟާން މަހުގައި ރޭ އަޅުކަން ކުރުމަކީ ސުންނަތުން ސާބިތުވެފައިވާ ކަމެކެވެ. އެ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 އެއްގައިވަނީ ﷲ ރަހުމަތެވެ. މެދު 10 އެއްގައިވަނީ ފާފަ ފުއްސެވުމެވެ. އަދި ހަމަ އެހެންމެ ފަހު 10 ގައިވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ.

އެހެންކަމުން މި ނިއުމަތްތައް ހޯދުމަށްޓަކައި ރަމަޟާން މަހުގައި ރޭ އަޅުކަން އިތުތުކޮށް ﷲ އަށް ކުއްތަންވުން މުހިންމެވެ. ސަބަބަކީ އެ މާތް މައްސަރުގައި އެއްހާސް މައްސަރަށްވުރެ ގިނގުނަ ހެޔޮ ވެގެންވާ މާތް ރެޔެއް ވުމެވެ. ތި ހީކުރެވުނީ ރަނގަޅަށެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ.

ރަމަޟާން މަހުގެ ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ. މި ބަރަކާތްތެރި މައްސަރުގައި އެންމެ މުހިންމުކަން ދޭންޖެހޭ އެއްކަމަކީ ރޭއަޅުކަމެވެ. ތަރާވީޙް ނަމާދު ކީ ނަމަވެސް ތަހައްޖުދު ނަމާދުކީ ނަމަވެސް މައްސަލައެއް ނެތެވެ. މުހިންމީ ރޭ އަޅުކަން ކުރުމެވެ.

އެހެނީ ރަމަޟާން މަހަކީ ރޭ އަޅުކަން ކުރުމުގެ މައްސަރެވެ. ރޭ އަޅުކަމާއި ނުލައި ރަމަޟާން މަސް ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. މުޅި އަހަރުގެ ހުރިހާ މަސްތަކެއްގެ ހުރިހާ ރޭތަކުގެ ތެރެއިންވެސް އެންމެ އިތުރުވެ މަތިވެރިވެގެންވަނީ ރަމަޟާން މަހުގެ ރޭތަކެވެ. އެރޭތަކުގެ ތެރެއިންވެސް އެންމެ މަތިވެރިކަން ލިބިގެންވަނީ ލައިލަތުލްޤަދްރްވިލޭރެ އެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. “ތިޔަބައި މީހުން ރޭ އަޅުކަން ކުރާށެވެ. އެއީ ހަމަކަށަވަރުން ސާލިހުންގެ މަތިވެރިކަމެވެ. (ހިތުގެ ހަމަޖެހުމެވެ.) މާތް اللَّه އާއި ކުއްތަން ކޮށްދޭ އަމަލެކެވެ. ފާފަތައް ފޮހެވިގެންދާ އަމަލެކެވެ. އަދި ހަމައެފަދައިން ފާފަތަކުގެ ކައްފާރާ އެކެވެ. އަދި ހަށިގަނޑުގައިވާ ބަލިމަޑުން ދުރުކޮށްދޭ ކަމެކެވެ.”

ރޭ އަޅުކަންކުރުމަކީ އިންސާނާގެ މަތިވެރިކަމާއި އިއްޒަތެވެ. މޫނުގައި ނޫރެއް ލައްވާ ކަމެކެވެ. މީހާ މުއްސަދިކޮށްދެއްވާ ކަމެކެވެ. ހިތައް އުފާވެރިކަން ލިއްބައިދޭ ޢަމަލެކެވެ. ގިޔާމަތް ދުވަހު ނޫރެއް ލައްވައި ގިޔާމަތުގެ ދިގުކަން ކުރުކޮށްދެއްވާ ކަމެވެ. ވީމާ އެންމެ ކުޑަމިނުން ރެއަކު ރަކްއަތެއްގެ މިންވަރު ކުރެވޭތޯ ބަލާށެވެ!

 

ނޯޓް: މިލޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޢިލްމުވެރިންގެ ފަތުވާތަކުންނެވެ.