English Edition
Dhivehi Edition

ހާރު ކެއުމަކީ ރޯދައިގެ މުހިންމު ސުންނަތް ތަކުގެ ތެރެއިން އެންމެ މުހިންމު ސުންނަތެވެ. ހާރު ކެއުމަކީ ވަރަށް މާތްވެގެންވާ އަޅުކަމެކެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންނާއި ޚިލާފުވުމަށްޓަކައި ރޯދަހިފާއިރު ކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ޢަމަލެކެވެ.

އެގޮތުން ހާރުކެއުމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة” (رواه البخاري ومسلم) މާނައީ: “ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ.”

މި ޙަދީޘްގެ ޝަރަހާގައި އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ޢިލްމުވެރިން ހާރުކެއުމުގެ ސުންނަތް ކަމަށް އިޖުމާޢުވެވަޑައިގެންފައިވެއެވެ. އެކަމަކީ ވާޖިބެއްނޫނެވެ. އަދި އެކަމުގައިވާ ބަރަކާތް ހިމެނެނީ ބޭރުފުށަށެވެ. އެއީ ރޯދަހިފުމަށް ވަރުގަދަ ވެގެންދާތީއެވެ. އަދި މީހާއަށް އެކަމުން ހަރަކާތްތެރިކަން ލިބިގެންދެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އަދި އެމާތްވެގެންވާ ވަޤުތުގައި ހޭލައި ޒިކުރުކޮށް ދުޢާކޮށް ފާފަފުއްސެވުން އެދި ދެންނެވުންވެސް ހިމެނެއެވެ. އެއީ ރަޙުމަތް ފައިބާ ވަޤުތެކެވެ. އަދި ދުޢާ އިޖާބަކުރެއްވޭ އަދި ފާފަ ފުއްސެވޭ ވަޤުތެކެވެ.”

ހާރުކެއުމުގެ ވަޤުތަކީ ހާރުދަން ވަޤުތު ނުވަތަ ފަތިސްވުމުގެ ކުރީވަޤުތެވެ. އަދި އެންމެ މޮޅު އިތުރުވެގެންވާ ވަޤުތަކީ އެއީއެވެ. އަދި ދުޢާއިޖާބާ ކުރެއްވޭ ވަޤުތަކީ އެއީއެވެ. އެކަން އަންނަނިވި ޙަދީޘުން އެނގިގެންދެއެވެ.

(عَنْ أَنَسِ بْنِ مَالِكٍ أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَامُوا إِلَى الصَّلَاةِ قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُ خَمْسِينَ أَوْ سِتِّينَ يَعْنِي آيَةً) رواه البخاري في صحيحه.

މާނައީ: “އަނަސް ބިން މާލިކްގެ ކިބައިން ޒައިދު ބިން ޘާބިތު ކިޔައިދެއްވިކަމަށް ރިވާވެގެންވެއެވެ. އެބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ހާރުކޭން ބެއްލެވިއެވެ އެޔަށްފަހު ނަމާދަށް ތެދުވެ ވަޑައިގަތެވެ. ދެންނެވީމެވެ. އެދެމެދުގައިވީ ކިހާ އިރެއްހެއްޔެވެ؟ ވިދާޅުވިއެވެ. ” އެއީ ފަންސާސް ނުވަތަ ފަސްދޮޅަސް އާޔަތެވެ. (ކިޔަވާހާ މިންވަރެވެ.)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(إِنَّ فَصْلَ مَا بَيْنَ صِيَامِنَا وصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَر) (رواه مسلم) މާނައީ: “އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين” (رواه أحمد، وحسنه الألباني) މާނައީ: “ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ” (رواه أحمد) މާނައީ: “ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ.”
ނޯޓް: މިލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން