English Edition
Dhivehi Edition

ދިރާސީ އަހަރުގެ ކިޔެމުން ނިމި އަހަރީ ޗުއްޓީއާއި ކުރިމަތިލުމަށް މިއޮތީ ދާދި މަދު ދުވަސްކޮޅަކަށް ވެފައެވެ. ޗުއްޓީ ހެޔޮގޮތުގައި ހޭދަ ކުރުމަށް ވާންޖެހޭ ތައްޔާރީތައް ގިނަބަޔަކު މިވަނީ ފަށާފައެވެ. އެއްބަޔަކު ފުރައިގެން ތަންތަނަށް ދިޔުމަށްޓަކައި ޓިކެޓްތައް ނަގަމުންދާއިރު އަނެއްބަޔަކު އާއިލާ އާއި އެކުގައި މަޖާކުރުމަށް ރާވަމުން ދެއެވެ.

އަހަރީ ޗުއްޓީއަކީ ދަރިވަރުންނަށް އަހަރުތެރޭގައި ލިބޭ އެންމެ އުފާވެރި ދުވަސްވަރޭ ބުނެލުމުން ގޯހަކަށް ނުވާނެއެވެ. ކިޔެވުމާއި ކުޑަކޮށް ދުރުވެލިނަމަވެސް އެތައް ގިނަ ކަންތައްތަކެއް ދަސްވެގެންދާ ދުވަސްވަރެކެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމަށް ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއްބަޔަކު ޗުއްޓީގެ ބޭނުން ރަނގަޅުގޮތުގައި ހޭދަކުރާއިރު ފަރުވާކުޑަކަމާއި އެކުވެސް މަދުބަޔަކަށް ޗުއްޓީއާއި ކުރިމަތިލެވެއެވެ.

އަހަރީ ޗުއްތީއަކީ ވެސް ބޭނުން ހިފޭ ފަދަ ޗުއްޓީއަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުން ޗުއްޓީގައި ކިޔެވުމާއި ކުޑަކޮށް އެހަކެރިވެ ތަޖުރިބާ ހޯދުމަށް ވަޒީފާއަކަށް ނުވަތަ ކުރު ކޯހެއް ހަދާލުން ބުއްދިވެރިވާނެއެވެ. އޭގެ ސަބަބުން އިތުރު ހުނަރެއް ދަސްވެގެން ދާނެއެވެ. އަދި ކިޔެވުން ނިމިގެން ދާއިރު ވަޒީފާއެއްގެ ތަޖުރިބާވެސް ލިބިފައިވާނެއެވެ. މީގެ އިތުރުން ކޮންމެވެސްވަރެއްގެ އާމްދަނީއެއް ވެސް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ޗުއްޓީއެއް ލިބުމުން ގިނަ ބަޔަކަށް އެންމެ ބޮޑަށް ފަރުވާކުޑަ ކޮށްލެވެނީ އަމިއްލަ ސިއްޙަތާއި މެދުގައެވެ. އެގޮތުން ޗުއްޓީ ނިންމާފައި އަންނައިރު ވަރަށް ގިނަ ބަޔެއްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިސްފައިވާތަން ފެނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލެއްގެ ސަބަބުން މިކަން މިގޮތަށް ވެދާނެއެވެ. އެހެންނަމަވެސް ވިސްނާލަންޖެހޭ ކަމަކީ ރަނގަޅު ސިއްހަތެއްގައި ހުރެގެން ނޫނީ ރަނގަޅަށް ކިޔަވަން ފަސޭހަ ނުވާނެކަމެވެ. އެހެންކަމުން މިލިބޭ ޗުއްޓީއަކީވެސް ހަށިގަނޑަށް ފައިދާ ހުރި ޗުއްޓީއަކަށް ހެދުމަށްޓަކައި ކަސްރަތުގެ އާދަ އަށަގެނުވުން ވަރަށް މުހިއްމެވެ. އަދި އަލަށް ކަސްރަތުކުރަން ފަށާބަޔަކަށްވެސް މިއީ ރަނުގެ ފުރުސަތެކެވެ.

އަންނަން އޮތް އަހަރަށް ނުވަތަ ސެމިސްޓަރ އަށް ތައްޔާރުވުމަށްވެސް މިޗުއްޓީއަކީ ރަނގަޅު ފުރުސަތެކެވެ. ނިމިގެން މިދާ

ސެމިސްޓަރގައި ކިޔެވުމަށް ދިމާވި ހުރަސްތައް ދެނެގަނެ، މުދައްރިސުންނާއި މިދުވަސްވަރު މަޝްވަރާކޮށްލުން މުހިއްމެވެ. އަދި އެފަރާތްތަކާއި މިދުވަސްވަރު ގާތްގުޅުމެއް ބޭއްވުމަކީ ދެންއޮތް ދުވަސްތަކުގައި ކިޔެވުމަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށް ވާނެއެވެ.

ޗުއްޓީއަކާއި ކުރިމަތިލާއިރު އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އާއިލާއާއި ރައްޓެހިންނާއި އެކުގައި އެކުވެރި އުފާވެރި ވަގުތުތައްކެއް ހޭދަކުރުމެވެ. ކިޔަވާ ދުވަސްވަރު ހުރިހާ ވަގުތެއް އެކަމަށް ހުސްކުރުމުގެ ސަބަބުން އާއިލާ މީހުންނާއި ރަޙްމަތްތެރިންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެފައި އޮވެދާނެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހޭދަކުރެވިދާނެއެވެ. ތަފާތު އެކިކަހަލަ ދަތުރުތަކާއި، ކެއުންތައް ރާވާލާ އެންމެން އެކުގައި ވަގުތު ހޭދަކުރުމަށް މިފެށޭ ޗުއްޓީގެ ބޭނުން ކުރެވިދާނެއެވެ.

ކިޔެވުމަކީ ވަރަށް ބުރަ އަދި އެހާމެ ބޮޑަށް ސިކުނޑިއަށް ބުރަ އިޙްސާސް ކުރުވާކަމެކެވެ. އެހެންކަމުން ކިޔެވުމުގެ ދުވަސްތަކަށްފަހު ލިބޭ ޗުއްޓީގައި ހަށިގަނޑާއި، ސިކުނޑިއަށް އަރާމް ހޯދައި ދިނުމަކީ ކިޔަވާ ކުދިންގެ މަސްއޫލިއްޔަތެކެވެ. މިގޮތަށް ލިބޭ ޗުއްޓީތަކުގައި ހަށިގަނޑަށް ލިބިފައި ހުންނަ ބުރަ ފިލުވާލުމަށް ޗުއްޓީގެ ތާވަލް ރާވާލެވިދާނެއެވެ.

އަހަރު ނިމުމާއި ކައިރިކޮށް ލިބޭ އަހަރީ ޗުއްޓީއަކީ ބޭކާރު ޗުއްޓީއަކަށް ހެދުމުގެ ބަދަލުގައި ދުރާލާ ތައްޔާރުވެ ރަނގަޅު ތާވަލެއްގެ ދަށުން ރާވާލުން ވަރަށް މުހިއްމެވެ. ޗުއްޓިއަކީ ބޭކާރު ހަރަދުކުރުމުގެ ބަދަލުގައި ބިނާކުރެނިވި ދުވަސްތަކަކަށް ހެދުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. ރާވާލެވިގެން ކުރިމަތިލާ ޗުއްޓީއިން ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ހިތްހަމަޖެހުން ގެނުވަދޭނެއެވެ.