English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ.

މިކަމަށްޓަކައި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުންކަމަށެވެ.

އަދި ރާއްޖެއާއި އެ ޤައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ޤައުމުން ހެޔޮއެދޭކަން ފާހަގަކުރެއްވިއެވެ. އަދި އެ ޤައުމާއި ރާއްޖެއާއި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.

ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.