English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، “މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023″ގައި އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވޯޑް ޙަވާލުކޮށްދެއްވައިފި އެވެ.

“މޯލްޑިވްސް ސްޕޯޓްސް އެވޯޑް ގާލާ ނައިޓް” ޙަފްލާ އޮތީ، ރޭ، މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގަ އެވެ.

މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިޙަފްލާގައި، ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފާއި، ދައުލަތުގެ ވަޒީރުންނާއި، ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރު ސަންޑޭ އަކިން ޑާރޭ އަދި އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނާއި، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުން ބައިވެރިވި އެވެ.

މިއެވޯޑް ޙަފްލާގައި، “ލައިފްޓައިމް އެޗީވްމެންޓް އެވޯޑް” ލިބިލެއްވި، 5 ބޭފުޅުންގެ އެވޯޑާއި، “ސްޕޯޓްސް އައިކަން އެވޯޑް” ލިބިލެއްވި 8 ބޭފުޅުންނަށާއި، “ސްޕެޝަލް ރިކޮގްނިޝަން އެވޯޑް” ލިބިލެއްވި، 16 ބޭފުޅުންނަށް، އަދި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރގެ އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކުޅިވަރުގެ ދާއިރާއިންދޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ.

ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ޙަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް މުޖުތަމަޢަށް ހެޔޮބަދަލުގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ.

މިއަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްޙޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި، އަލްމަރްޙޫމް އަޙްމަދު ރިޒާ (ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަޙްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު) އަށާއި، އަޙުމަދު ވަޙީދު (ކްއީން ވަޙީދު) އަށާއި، މައްލާ ޅަތުއްތު އަށެވެ.

މީގެ އިތުރުން ނައިޖީރިއާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ޙަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

“މޯލްޑިވްސް ސްޕޯޓްސް އެވޯޑް”އަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާ އެވެ. “މޯލްޑިވްސް ސްޕޯޓްސް އެވޯޑް” ތަޢާރަފްކޮށް ފުރަތަމަ އެވޯޑް ޙަފްލާ ބާއްވާފައި ވަނީ މިދިޔަ އަހަރުގަ އެވެ.

1 ކޮމެންޓް
ހާލުފޮޅި ފޮޅި
މާޗް 19, 2023
ސަރުކާރުން ކުރާ ބޭކާރު ޚަރަދުތަކެއް..ވަކި ބަޔަކަށް އެއްޗެއް ނުދެވިގެން..