English Edition
Dhivehi Edition

ރަމަޟާން މަހަކީ އަހަރަކު އެއްފަހަރު އަހަރެމެން މުސްލިމުންނާއި ބައްދަލުވާ ހެޔޮކަމުގެ މައްސަރެކެވެ. އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް އެ މަހުގައި ކުރާ އަޅުކަންތަކުގައި ހާސްބައި އިތުރުއެވެ. އެހެންކަމުން އެފަދަ މައްސަރަކާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުމަކީ މުސްލިމުން ނުހަނު އުފާކުރާ ކަމެކެވެ. އަދި އެ މައްސަރާއި ބައްދަލުކުރުމުގެ ހެޔޮތަޢުފީޤް ދެއްވާތޯ ގިނަގިނައިން ދުޢާކުރަން ޖެހެއެވެ. އަދި އެމައްސަރުގެ ހެޔޮކަން ލިބި އަދި ރަމަޟާން މަސް ނިމިއްޖެ ނަމަ، އެ މައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށް ދެއްވުން އެދި ދުއާ ކުރަންޖެހެއެވެ.

ރަމަޟާން މަހަކީ ކުރިންވެސް ބުނިފަދައިން އެންމެހާ މުސްލިމުތަކުންނަށް އެބައި މީހުން މުޅި އަހަރުތެރޭގައި ކުރެވިފައިވާ އެންމެހާ ކުއް ފާފައެއް ފޮހެލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެން ކަމުން އެ މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފަން ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ.

މި މިއްސަރާ ކުރިމަތިލާން ވާނީ އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، ރޭ އަޅުކަމާއި ރޯދަ ހިފުމުގެ ވަރުގަދަ އަޒުމުގައެވެ. އަދި ނަރަކައިން ސަލާމަތްވެ، ﷲ ގެ މަޣްފިރަތް ހާސިލް ކުރުމަށްޓަކައި ހަރާމް ކުރެއްވި އެއްޗެތި އަޑުއެހުމާއި، ހަރާމް ކުރެއްވި ތަންތަނަށް ބެލުމާއި، ހަރާމް ކުރެއްވި ވާހަކަ ދެއްކުމުން އަޅުގަނޑުމެންގެ ގުނަވަންތައް ރައްކާތެރިކުރުމަށް އަޒުމް ކުރަން ޖެހެއެވެ.

ރަމަޟާން މަހާއި ބައްދަލުވާ ހިނދު އެ މައްސަރުގައި ރޯދަ ހިފައި ރޯދައަށް ތިބޭއިރު، ބޭކާރު ވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ސަލާމްތްވެ ތިއްބެންޖެހެއެވެ.. އެމައްސަރުގެ ރޭގަނޑުގެ ވަގުތުތައް ރޭ އަޅުކަން ކުރުމާއި ގުރްއާން ކިޔެވުމުގައި ހޭދަކުރައްވާ އެމައްސަރުގެ ރޭތައް އިޙްޔާ ކުރަންޖެހެއެވެ. ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ ކާންދީ، ސަދަގާތް ކުރުން އިތުރު ކުރަންޖެހެއެވެ. ރޯދަވެރިންނަށް ރޯދަ ވީއްލާނެ އެއްޗެއް ދެވޭތޯ ބަލަންޖެހެއެވެ.

ރަމަޟާން މަހާއި ބައްދަލު ކުރަން ޖެހޭނީ ހިތްހެޔޮކަމާއި އުފާވެރިކަމާއި ދީލަތި ކަމާއި ހިތްވަރާ އެކުގައެވެ. އުމުރުގެ ޒުވާންކަމާއި، ހެޔޮ ސިއްހަތެއްގައި ވީ ހާލު މިފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ވާނެއެވެ. އެހެންކަމުން ހެޔޮ އަމަލުތައް ގިނަކޮށް، ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް، ފުރިހަމަ ތައުބާ އަކުން ތައުބާ ވާން ޖެހެއެވެ. ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވުމަށް ޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ.

އަޅުގަޑުމެންގެ ނަމާދާއި ރޯދަ، އަދި އެނޫންވެސް އެންމެހައި ޢަމަލުތަކުގައި އިޚްލާޞްތެރިވާންޖެހެއެވެ. އެހެނީ އިޚްލާޞްތެރިކަން ނެތިއްޖެނަމަ މާތް ﷲ އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. މީގެ އިތުރުން ކޮންމެ ހެޔޮ އަމަލެއް ވެސް ކުރަން ވާނީ މާތް ﷲ ގެ ރަސޫލާ ދެއްކެވި މާތް ނަމޫނާގައި ހިފައިގެންނެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ރޭއަޅުކަން ގިނަކުރަން ޖެހެއެވެ. މިގޮތުން ތަރާވީޙް ނަމާދަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. އެގޮތުން އިމާމާ އެކު ތަރާވީޙް ނިމެންދެން ބައިވެރިވުމަކީ ދަރުމަ އިތުރުވެގެން ދާނެ ކަމެއް ކަމުން އެކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހެއެވެ.

ހަމަ އެއާއެކު، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭ ތަކުގައި އިތުރަށް އަޅުކަމައިގެން މަޝްއޫލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ފަހުދިހައިގެ ރޭ ތަކުގެ ތެރެއިން ރެ އެއްގައި ލައިލަތުލް ގަދްރި ވިލޭރޭ ލައްވާފައި ވުމެވެ. އެރެޔަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އެރޭ ކުރާ އެންމެ އަޅުކަމަކީ އެހެން 83 އަހަރާއި 4 މަސްދުވަހު ކުރާ އަޅުކަމާ އެއްވަރުގެ އަޅުކަމެކެވެ. ވީމާ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.

 

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޑރ އިޔާޟް އަބުދުއްލަތީފް ރޯދަމަހަށް އިސްތިޤްބާލުކުރުން މި މައުލޫގެ ދަށުން ލިޔުއްވާފައިވާ ލިޔުމަކުންނެވެ.