English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. މި ދެބޭފުޅުން ބަދަލުކުރައްވާފައިވަނީ އިއްޔެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޤާސިމް އިބްރާހީމް ބައްދަލު މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށް ވަނީ ދީފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ޤާސިިމް ވަނީ މީޑިއާއާއި ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލަށް ޤާސިމް ވަޑައެއްނުގަންނަވައެވެ.

“އަޅުގަނޑު ހުށަހެޅި ހުށަހެޅުންތަކުގެ ވާހަކަ ދަންނަވާކަށް ބޭނުމެއް ނޫން. އަދި ތިބޭފުޅުންނަށް ހާމަކުރާނެ ދުވަހެއް ނާދެ. އެއީ އަޅުގަނޑުގެ އަމިއްލަ ކަމެއްނު އަޅުގަނޑު އެ ވާހަކަ ދެއްކުމާ ނުދެއްކުން,” ގާސިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ރައީސްއާ އެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓެއް ނެރުމަށް ނުވަތަ އެޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޤަރާރެއް ޤައުމީ ކޮންފަރެންސުން ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެ ޤަރާރާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުންކަމަށް ޤާސިމް ވިދާޅުވިއެވެ. ކޯލިޝަން ހަދަން އެއްވެސް ޕާޓީއަކާއެކު މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓިއަކީ މިސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު އެޕާޓިގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެޕާޓީ ޤައުމީ މަޖިލީހުން ވަނީ ދީފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯލިޝަން ހެދުމަށް ސަރުކާރުގެ ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖުމްހޫރީ ޕާޓީ އާ ބައެއް އެހެން ޕާޓީތަކަށް ދަޢުވަތު ދެއްވާފައެވެ.