English Edition
Dhivehi Edition

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި އަޒްލީނާ ނަފީސް މަރާލި ޤާތިލް، ޢަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ކ.ދިއްފުށީ އަތިރި މަތީގައި ހުރި ޖޯއްޔެއްގައެވެ.

ދިއްފުށީ ކައުންސިލް މެމްބަރަކު ވިދާޅުވީ ޒުހައިރު މަރުވެފައި އޮއްވާ ފެނުނީ އޭނާ މިހާރު ދިރިއުޅެމުންދާ ކ. ދިއްފުށީގައި މިއަދު 11:30 ހާއިރު ކަމަށެވެ. ފެނުނުއިރު އަނިޔާގެ ނިޝާނެއް ފެންނަން ނެތްކަމަށާއި އޭނާ މަރުވި ސަބަބެއް ނޭނގޭކަމަށް ކައުންސިލްމެމްބަރ ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ދިއްފުށީ އުތުރު ފަރާތު ބީޗްގައި ހުރި ޖޯއްޔެއްގައި ޚަބަރު ހުސްވެފައިވަ އޮތް މީހެއް ފެނިގެން އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް މިއަދު މެންދުރު 12:20 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، ސިއްޙީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

އަޒުލީނާ މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޒުހައިރު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް ހުކުމް ކުރިތާ 11 އަހަރު ފަހުން، 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ ޢުމުރުން 48 އަހަރުގެ، ޢަބްދުﷲ ޒުހެއިރު ދިއްފުށީގައި ދިރިއުޅެމުން އައީ އެރަށު މީހަކާއި އިނދެގެންނެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކެޓްރީގެ މަޤާމުގައި މަސައްކަތްކުރަމުންދިޔަ އަޒްލީނާ ނަފީސް މަރާލާފައިއޮތްވާ ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.

އަޒްލީނާގެ މަރާލި ޙާދިސާއަކީ އެދުވަސްވަރު މުޅި ރާއްޖެއަށްވެސް ބޮޑު ސިހުމެއް ގެނުވި އަނިޔާވެރި މަރެކެވެ. އަޒްލީނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ މަސައްކަތްކުރަމުންދިޔަ އޮފީހުގެ ފާޚާނާއެއްގެ ތެރޭގައެވެ.