English Edition
Dhivehi Edition

ޔޫރޮޕާ ލީގުގެ ނޮކައުޓްގެ ޕްލޭ އޮފް ބުރުގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ ބަލިކުރުމަށްފަހު މުބާރާތުގެ ގަދަ 16 އަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.

ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު އެޓީމުން ކާމިޔާބު ކުރީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިން ބާސާ ބަލިކޮށްގެންނެވެ.

މި ދެ ޓީމު ބާސާގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މޮޅާއެކު ޔުނައިޓެޑް މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިންނެވެ. މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މި ޕެނަލްޓީ ބާސާ އަށް ލިބުނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ބާސާގެ ޑިފެންޑަރު ބަލްޑޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ބާސާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ކުޅެން އަރާ ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 47 ވަނަ މިނެޓުގައި ގޯލު ޖަހާ ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ޔުނައިޓެޑަށް ޖަހައިދިނީ ފްރެޑްއެވެ. މި މެޗުން ޔުނައިޓެޑު މޮޅު ކޮށްދިން ގޯލު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ އެންތަނީއެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ޔުނައިޓެޑް ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިއަދު ނަގާ ގުރުއަތުލުމަށްފަހު އެވެ. ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އަދި ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މާޗު 16 ވަނަ ދުވަހުގައެވެ.