English Edition
Dhivehi Edition

މެލޭޝިއާއަށް ކިޔަވަންދާން ގަސްދުކުރާ ކުދިންނަށް އަމާޒުކޮށްގެން “ އެޑިއުކޭޝަން މެލޭޝިއާ އިންފޯ ޑޭ” ގެ ނަމުގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު ހަވީރުއައްޑޫ ސިޓީގައި ބާއްވަން ފެލްކަން ސްޓަޑީ އެބްރޯޑްއިން ނިންމައިފިއެވެ.

މި އިންފޯ ޑޭ ސެޝަން އިންތިޒާމުކުރާ ފެލްކަން ސްޓަޑީ އެބްރޯޑްއިން މަޢުލޫމާތުދިން ގޮތުގައި މިސެޝަން އޮންނާނީ 24 ފެބްރުއަރީ ވާ ހުކުރު ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 8 އަށް ހިތަދޫ ސްކޫލް ގައެވެ. މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ ހުޅުވާލައިފައިވާ އިރު މިސެސަޝަންތަކުގައި މެލޭޝިއާގައި މަޝްހޫރު ޔުނިވަރސިޓީތައް ކަމުގައިވާ ޓޭލާސް ޔުނިވަރސިޓީ، އޭޝިޔާ ޕެސިފިކް ޔުނިވަރސިޓީ، ސެގީ ޔުނިވަރސިޓީ، ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީ އަދި ކުއެސްޓް އިންޓަރނޭޝަނަލް ޔުނިވަރސިޓީ އިން ބައިވެރިވާނެއެވެ. މިޔުނިވަރސިޓީތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުންދެއެވެ.

ފެލްކަން ސްޓަޑީ އެބްރޯޑްއިން ހާމަކުރިގޮތުގައި މިސެޝަންތަކަކީ މެލޭޝިއާއަށް ކިޔަވަންދާން ގަސްދުކުރާ ކުދިންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބޭނެ ސެޝަންތަކެކެވެ. މިސެޝަންތަކުގައި ޔުނިވަރސިޓީތަކުން ހިންގާ ކޯސްތަކުގެ ތަފްޞީލީ މަޢުލޫމާތާއި، އިންޓޭކް ތާރީޚް ތަކާއި ކޯސްފީގެ އިތުރުން ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތައް ކިޔައިދީ އަދި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިން ކޯސްތަކަށް ވަނުމުގެ ޝަރުތު ހަމަވޭތޯ ބެލުންވެސް ކުރިއަށް ދާނެއެވެ. އަދި މީގެ އިތުރުން ސަރުކާރުން ހުޅުވާލާފައިވާ ސްޓުޑަންޓް ލޯނަށް އެދެން ބޭނުންވާ ދަރިވަރުންނަށް އެއާ ގުޅޭ އެހީތެރިކަންވެސް މި ސެޝަންގައި ފޯރުކޮށްދެވޭނެއެވެ. މިސެޝަންތަކުގައި ބައިވެރިވާންއެދޭ ކުދިން އެކުދިންގެ ތަޢުލީމީ ފާސްތަކުގެ ކޮޕީ ގެނައުމަށް ފެލްކަން ސްޓަޑީ އެބްރޯޑްއިން އެދެއެވެ.

ގިނަ ޔުނިވަރސިޓީތަކުގައި އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގައި ކިޔެވުން ފެށޭއިރު މިސެޝަންތަކުގައި ބައިވެރިވެ މިއިންޓޭކްތަކަށް ޔުނިވަރސިޓީ ޕްލޭސްމަންޓް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މިސެޝަންތަކުގައި ބައިވެރިވާ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކުގެ ތެރޭގައި އެކައުންޓިންގް، އައިޓީ، ކޮންޕިޔުޓަރ ސައިންސް، އެމް.ބީ.ބީ.އެސް، އިންޖިނިއަރިންގް، އިންޓަރނޭޝަނަލް ރިލޭޝަންސް، އެޑިއުކޭޝަން، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، ކަލިނަރީ އާޓްސް، ސައިކޮލޮޖީ، ލޯ، ޑޭޓާ ސައިންސް، ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީ، އިކޮނޮމިކްސް، ނާރސިންގް، ޑިޖިޓަލް މާކެޓިންގް، ސައިބަރ ސެކިއުރިޓީ، އާޓިފިޝަލް އިންޓެލިޖަންސް، ސިވިލް އިންޖިނިއަރިންގް، މަލްޓިމީޑިއާ، ހިއުމަން ރިސޯސް އަދި މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ.

މިހަރަކާތް އިންތިޒާމުކުރާ ފެލްކަން ސްޓަޑީ އެބްރޯޑަކީ މެލޭޝިއާއަށް ދިވެހި ދަރިވަރުން ކިޔަވަން ދިއުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ 15 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކެއް ހިމެނޭ ކުންފުންޏެކެވެ. ފެލްކަން ސްޓަޑީ އެބްރޯޑަކީ މެލޭޝިއާގެ 15 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުގެ ރާއްޖޭގެ އޮތަރައިޒްޑް އޮފިޝަލް ރެޕްރެޒެންޓެޓިވްއެވެ.

މިސެޝަންތަކުގައި ބައިވެރިވުމަށް 7731485 އާ ގުޅުއްވުމުން އެކަމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެއެވެ. ނުވަތަ ފެލްކަން ސްޓަޑީ އެބްރޯޑްގެ ވެބްސައިޓް www.falcon.mv މެދުވެރިކޮށްވެސް ރެޖިސްޓަރ ކޮށްލެވޭނެއެވެ.