English Edition
Dhivehi Edition
ފޮޓޯ: އެމް އޭ އެޗް އާރް ޕީ ފޭސްބުކް ޕޭޖެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް އޭ އެޗް އާރް ޕީ) އިން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ހިއުމަން ރިސޯސަސް ދުވަސް މާދަމާ (ފެބްރުއަރީ 21، ބުދަ) ފާހަގަކުރަން ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ހާމަކޮށްފިއެވެ.

އެ ޖަމިއްޔާ އިން ހާމަކުރިގޮތުގައި މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ޖަމިއްޔާތަކާއި މުއައްސަސާތަކުގެ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމެވެ. މީގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަބަބުން މަސައްކަތުގެ މާހައުލާއި ޖުމްލަ ގޮތެއްގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ކުރާ އެދެވޭ އަސަރު ފާހަގަކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ އެއް ސަބަބު ކަމުގައި އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެމް އޭ އެޗް އާރް ޕީ އިން އިތުރަށް ހާމަކުރި ގޮތުގައި މިއަހަރަކީ އެ ޖަމިއްޔާ އަށް 5 އަހަރު ފުރޭ އަހަރަށް ވާއިރު މިހާ ހިސާބަށް އެ ޖަމިއްޔާއިން ކުރި ދަތުރުގައި ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ އެތައް ފަރާތެއްގެ ފަރާތުން ވަނީ އެއްބާރުލުމާއި އެހީތެރިކަން ލިބިފައެވެ. އަދި އެ ޖަމިއްޔާއިން ވަނީ މިއަދު ނެރުނު ނޫސް ބަޔާނުގައި އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން މިހާތަނަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެމް އޭ އެޗް އާރް ޕީ އިން މިއަހަރަށް ކަނޑައަޅައިފައިވާ ޝިއާރަކީ “އެޗް އާރް ކްރިއޭޓިން ވެލިއު ޓު ޕީޕަލް އެންޑް އޯގަނައިޒޭޝަންސް ” މިއެވެ. ހިއުމަން ރިސޯސް ދާއިރާއިން ވަކި ވަކި ފަރުދުންގެ އިތުރުން އޮފީސް، ޖަމިއްޔާގެ އިތުރުން ވުޒާރާތަކަށް އިތުރު ބުރަދަނެއް ނުވަތަ އެދެވޭ ބަދަލު ތަކެއް ގެނެސްދޭ ކަމަށް ނިސްބަތްވާނެހެން ހަދާފައިވާ މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ވުޒާރާއެއް ހަރުދަނާވެ ކުރިއަރައިގެން ދިއުމުގައި ހިއުމަން ރިސޯސަސް އިން އަދާކުރާ ފުޅާ ދާއިރާ ފާހަގަކުރުމެވެ.

މީގެ އިތުރުން އެމް އޭ އެޗް އާރް ޕީ އިން ވަނީ މިދުވަހާ ގުޅުވައިގެން ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަުން ކުރަމުން އަންނަ މަސައްކަތާއި ވަކި ވަކި ފަރާތްތަކުގެ ގޮތުގައިވެސް ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަން ކޮށް މީސް މީޑިއާގައި އެކަން ހިއްސާކުރުމުގެ ކެމްޕޭނެއް ފައްޓާފައެވެ. އެގޮތުން އެފަދައިން އެވާހަކަތަށް ހިއްސާ ކުރާއިރު NationalHRday , #HRcreatingvalue# ހޭޝްޓެގް ބޭނުންކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. މީގެ އިތުރުން އެމް އޭ އެޗް އާރް ޕީ އިން ވަނީ ހިއުމަން ރިސޯސަސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ވާހަކަ އެފަރާތްތަކާއި ހިއްސާކޮށްދިނުމަށްވެސް އެދިފައެވެ، އެގޮތުން އެފަދަ ވާހަކަތައް އެމް އޭ އެޗް އާރް ޕީ ގެ އީމެއިލް [email protected] އަށް ފޮނުވައިދިނުމަށް އެފަރާތުން ވަނީ އެދިފައެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މީގެ އިތުރުން އެމް އޭ އެޗް އާރް ޕީ އިން ވަނީ މާދަމާރޭ ހާއްސަ ހަފްލާއެއް ބާއްވަން ނިންމާފައެވެ. ސްޓެލްކޯ އޮޑިޓޯރިއަމްގައި މާދަމާ ރޭ 20:30 އިން 22:00 އަށް ބޭއްވޭ މިހަފްލާގައި ހިއުމަން ރިސޯސަސް ދާއިރާގައި ފާހަަގަކޮށްލެވޭ މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.