English Edition
Dhivehi Edition
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފަރާތުން، އެމްޑީޕީގެ ދެ ބޭފުޅުން، ސަން އައިލެންޑްގައި ގާސިމް އިބްރާހިމާ ބައްދަލުކުރައްވަނީ-

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ މިސްރާބް ހުރީ ކޯލިޝަނާއެކު އެމްޑީޕީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ މަގަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ، ވިލާ ގުރޫޕްގެ ޗެއާމަން ގާސިމްއާ މަޝްވަރާ ކުރެއްވުމަށް، އެމަނިކުފާނުގެ ސަން އައިލެންޑް ރިސޯޓަށް ހޮނިހިރު ދުވަހުގެ ވަގުތަކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މެމްބަރު ނިޔާޒް ވަޑައިގެންނެވިއެވެ.

” ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ޖޭޕީއާ އިއްތިހާދުވެގެން ކަމަށް ވެދާނެ. އެކަމަކު ކޯލިޝަން ހެދުމާމެދު ޖޭޕީން ގޮތެއް ނިންމާނީ މިމަހުގެ ފަހުކޮޅު ބާއްވާ ގައުމީ ކޮންފަރެންސުން” ނިޔާޒް ވިދާޅުވިއެވެ.

ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެފައިވަނީ ޕާޓީން ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމާނީ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށެވެ.

” އަދި މިހާތަނަށް ޖޭޕީން ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައިނުވޭ.” އަލީ ޞޯލިޙް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެޕާޓީގެ ލީޑަރު ގާސިމް ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން 2023ގެ ރިޔާސީ އިންތިޚާބުގެ ރޭހަށް ކޯލިޝަނަކާއެކު ވާދަކުރުން ވަރަށް ގާތްކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގެވެސް ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެންމެ މުހިންމު ޕާޓީއަކަށްވެފައިވާ ޖުމްހޫރީ ޕާޓީގައި ގާތްގަނޑަކަށް 23،000 މެންބަރުން ތިބެއެވެ.