English Edition
Dhivehi Edition

އެއްވެސް ރައްޔިތަކަށް ވަކި ގޮތެއް ހެދުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށްވެސް އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް ޤައުމީ އެއަރލައިގެން މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ އައިލެންޑް އެވިއޭޝަންގެ މުވައްޒަފުން އަދާކުރަމުންދަނީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަސައްކަތެއްކަމަށާއި ރާއްޖޭގައި މިވަގުތުވެސް އެންމެ ގިނަ މީހުން ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ މައިގަނޑު ވަޞީލަތަކީ ވައިގެ ޚިދުމަތަށްވާއިރު ކޮންމެ ދުވަހަކުވެސް އައިއޭއެސްގެ މުވައްޒަފުންގެ ޚިދުމަތް އެހުރިހާ ދަތުރުވެރިންވެސް ލިބިގަންނަކަމަށެވެ.

“ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުތައް އިތުރުވަމުންދާއިރު ކުރިއަށް އޮތްތަނުގައި އައިއޭއެސްގެ މަސައްކަތް ބޮޑުވާނެ. އެހެންކަމުން ޚިދުމަތް ދިނުމުގައި މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަމަހަމަ ކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް އެދެން” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން ސްޓާފް ނައިޓުގައި ވަރަށް ރަނގަޅަށް ފެނިވަޑައިގަތްކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނި ކުރިއަރައި ދިޔުމުގައި މުވައްޒަފުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާއި އެއް ސެކްޝަން އަނެއް ސެކްޝަނަކަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން މުހިއްމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ އެކުންފުނީގައި ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި މުވައްޒަފުންގެ މުސާރައަށާއި ދެމުންދާ ޢިނާޔަތްތަކަށް ރަނގަޅު ބަދަލެއް ގެނައުމަށް ނިންމާ އެކަންވެސްވަނީ މިހަފްލާގައި ޢިއުލާންކުރައްވާފައެވެ.