English Edition
Dhivehi Edition

އުންމީދުގެ ހުޅުކޮޅު ނިއްވާލުމަށް އަނިޔާވެރިކަން އޮތީ ފުރުސަތަކަށް ބަލަބަލާ ކަމަށާއި ހިތާމަ އަކީ އެ ހަނދާން މިއަދު އެމްޑީޕީގެ ތެރެއިން ބައެއް މީހުން ނެތުން ކަމަށް އެމްޑީޕީގެ ޗެއަރޕަސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާ ގައި ވާހަކަދައްކަވަމުން، ފައްޔާޒް ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދަން ނިކުތް އެމްޑީޕީން ފެށި މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާ ލިބި އެތައް އާއިލާއެއް ބިކަވެގެން ދިޔަ ކަމަށެވެ.

“އެމްޑީޕީގެ އުނދަނގޫ މަރުހަލާ މިވަނީ މިހާރު ނިމިފައި. އެ ދުވަސް އަލުން އިއާދަވާން މިހާރު އެއްވެސް ބަޔަކު ބޭނުން ނުވޭ. އެ ނާއިންސާފާއި އަނިޔާވެރިކަން ދިވެހިން ބޭނުން ނުވޭ. އެ މަސައްކަތް ކުރި މީހުން އެދެނީ ޒާތީ ތައައްސުބެއް ނެތި އެމްޑީޕީ ފެށި މަސައްކަތާއި އެކު ކުރިއަށް ދިއުން ” ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއަދު މާޒީ އަށް ބަލާލަން ޖެހޭ ކަމަށާއި މީގެ 25 ވަރަކަށް އަހަރު ފަހަތަށް ޖެހިލާ އިރު ހުރިހާ އިޚުތިޔާރެއް އޮންނަނީ ސަރުކާރެއްގައި އޭރު ހުންނަ ވެރިއެއްގެ އަތުގައި ކަމަށެވެ. އެ ގޮތް ބަދަލުކުރަން ދިވެހިން ބޭނުންވީ ބޭއިންސާފާއި އަނިޔާ ތަހައްމަލްކުރަން ޖެހުމުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އެ ކަމަށްޓަކާ ނުކުތް ބަޔަކީ އެމްޑީޕީ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތަށް ނުކުތް މީހުންނަށް ވަރަށް ބޮޑެތި ޖިސްމާނީ އަނިޔާ އާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން އާއިލާތައް ރޫޅުނު ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ އެންމެން އެއް އަމާޒަކަށް ދެވޭނީ ރައީސާ އެކު ނިކުމެ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުން ކަމަށެވެ. އަދި އެކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ އޭނާ ވިދާޅުވި އެވެ.