English Edition
Dhivehi Edition

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް އާއި ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅެއް ނުލިބި ޗެލްސީއަށް މެޗު ނިންމާލަން ޖެހިއްޖެއެވެ.

ރަށުން ބޭރުގައި ވެސްޓްހަމް އާއި ދެކޮޅަށް ޗެލްސީން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

މިއީ ވިދިވިދިގެން ޗެލްސީއަށް މޮޅެއް ނުހޯދި އެއްވަރުވެގެން ނިމުނު ތިންވަނަ މެޗެވެ.

އަގުބޮޑު ސްކޮޑަކާއި އެކު ވެސް ޗެލްސީއަށް މާ އެދެވޭ ކާމިޔާބީތަކެއް ނުހޯދޭއިރު، ގިނަ ބަޔަކު އަންނަނީ ޗެލްސީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތަށް އަމާޒުކުމުންނެވެ. މި ފަހަރުގެ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް ޗެލްސީން ބޮޑު ހޭދައެއް ކޮށް ގިނަ ޒުވާން ކުޅުންތެރިންތަކެއް ގެނައި ނަމަވެސް އެޓީމަށް އަދި މާ ތަފާތު ކުޅުމެއް ނުދެއްކެއެވެ. ނިމިގެން ދިޔަ ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ގެނައުމަށް ޗެލްސީން ވަނީ 323 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

މިރޭގެ މެޗުގައި ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ވެސްޓްހަމްގެ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް ލިބުނު މަދު ފުރުސަތެއްގެ ބޭނުން ހިފައި މެޗުގެ 16 ވަނަ މިނެޓުގައި ޗެލްސީން މެޗުގެ ލީޑު ނެގިއެވެ. ރެކޯޑް އަގަކަށް ޗެލްސީއާއި ގުޅުނު އެންޒޯ ފެނާންޑޭޒްގެ އެހީތެރިކަމާއި އެކު ޗެލްސީއަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ނިމިގެން ދިޔަ ޓްރާންސްފާ ގައި އެތްލެޓިކޯ މެޑްރިޑުން ލޯނަށް ދޫކުރި ޔާއޯ ފީލިކްސް އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ވެސްޓްހަމް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ވެސްޓްހަމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ބޮވެންގެ އެހީތެރިކަމާއި އެކު އެމަސަންއެވެ.

ފަހުހާފަށް ކުޅެން އަރާ ޗެލްސީން ނަތީޖާ ބަދަލުކޮށްލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ވެސްޓްހަމްގެ ޑިފެންސްލައިން ފެނުނީ މާ ވަރުގަދަކޮށެވެ. ޗެލްސީއަށް ނުރައްކާތެރި ހަމަލާއެއް ވެސްޓްހަމްގެ ގޯލަށް ފޮނުވާލެވޭގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމެން ގާތްވެފައި ވަނިކޮޕް ވެސްޓްހަމުން ވަނީ ދެވަނަ ލަނޑެއް ވެސް ޖަހައިފައެވެ. ނަމަވެސް މިފަހަރު ވީއޭއާރު ބޭނުންކޮށް އެ ލ؛ަނޑު ވަނީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއި އެކު 22 ،މެޗުން 31 ޕޮއިންޓް ލިބިގެން ނުވަ ވަނާގައި ޗެލްސީ އޮތްއިރު، ވެސްޓް ހަމް އޮތީ ކުޅުނު 22 މެޗުން ލިބުނު 20 ޕޮއިންޓާއި އެކު 15 ވަނާގައެވެ.