ދެހާސް އަށާރަވަނަ އަހަރު އޮގަސްޓު މަސް ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގައި ފްލައިޓު ޖައްސާނެކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓަކީ އިގްތިސާދެއްގެ މައި ބަދަކަމަށެވެ. އެހެން ކަމުން ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުން އޭގެ ފައިދާ ކުރާނެއެވެ. ރައީސް ވިދާޅުވީ މި ސަރުކާރަކީ އިޚްލާސްތެރި ސަރުކާރެއް ކަމަށެވެ. އޭގެ ނަތީޖާއަކީ މީގެ ކުރިން ނުވާނެއޭ ބުނި އެތައް ކަމެއް މިއަދު ކުރަމުންދާތަން ފެނިގެންދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ މީހަކީވެސް އިޚްލާސްތެރިކަމާއެކު އެމީހަކު ބޭނުން އަޒުމެއްގައި އެމީހަކު ގަބޫލުކުރާ މިސްރާބަކަށް މަސައްކަތްކުރަން ކެރޭ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ތަނަވަސްކުރަން ބޭނުން މިންވަރަކަށް ތަނަވަސް ކުރެވޭނެ ގައުމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީ މައި ގޭޓު ކަމަށެވެ. އެ ގޭޓު ހުޅުވުމުން ފަތުރުވެރިކަން އިތުރަށް ފުޅާވެ، އެ ސަރަހައްދަށް އިތުރު މުއްސަނދިކަމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ތަފާސް ހިސާބުތައް ދައްކާގޮތުން ކުރިޔަށް އޮތް ތާނގައި ކުޅުދުއްފުށި ސަރަޙައްދުގައި ފަތުރުވެރިކަމަށް 1500 އެނދު ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ސާޅީސް ހާހެއްހާ ވަޒީފާ އިތުރަށް އުފެދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅުގައިވަނީ އެމްޓީސީސީގެ މަހާޖައްރާފް އިފްތިތާހު ކޮށްދެއްވައި އެއާޕޯޓު އެޅުމަށް ހިއްކަން ބޭނުވާ ސަރަހައްދުގެ މަސައްކަތް ފަށްޓަވައި ދެއްވައިފައެވެ.