English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މި މަހު ބަޔަކާ ހަވާލުކުރާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުން ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫއު ފެށެނީ އައްޑޫ އާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށެވެ. އަދި މިއީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ދެ އެއާޕޯޓުކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް މި ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮންމެ ސަރުކާރެއްގައިވެސް ގަން އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތައް އިއުލާކޮށްފައިވީ ނަމަވެސް ފާއިތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އެއާޕޯޓްގެ ތަރައްޤީއަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.