English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު އޭނާގެ ސަޕޯޓަރެއްގެ ފޯނު އެއްލާލާ މަންޒަރު ފެންނަ ވީޑިއޯ އާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.

މީގެ ދެ ދުވަސްކުރިން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ވީޑިއޯ އިން ފެންނަނީ އޭނާ ހިނގާފައި ދަނިކޮށް ސަޕޯޓަރުންތަކެއް އެއްވެ ފޮޓޯނަގަން އެދޭތަނެވެ. އަދި އެތަނުން ފިރިހަނަކު ސެލްފީއެއް ނަގަން ރަންބީރު ކައިރީ އެދުމުން ރަންބީރު އޭނާ އާއި ކައިރިވެލައެވެ. އެހެންނަމަވެސް ދެ ފަހަރަކު ކެމެރާ ސެޓު ކުރުމުންވެސް ފޮޓޯ ނެގޭގޮތް ނުވުމުން ތިން ވަނަ ފަހަރުވެސް އޭނާ ފޮޓޯ ނެގުމަށް މަސައްކަތްކުރާތަން މި ވީޑިއޯ އިން ފެނިގެން ދެއެވެ.

ތިންވަނަ ފަހަރަށް އޭނާ ފޮޓޯ ނެގުމަށް ތައްޔާރުވެލަން އުޅެނިކޮށް ކުއްލިއަކަށް ރަންބީރު އޭނާގެ ފޯނު އަތުލުމަށް ފަހު ކޮނޑުމަތިން ފަހަތަށް އެއްލާލައެވެ. ކުއްލިއަކަށް ރަންބީރު އެ ގޮތަށް ކަންތައް ކުރުމުން ހައިރާންވެ އެ ފިރިހެން މީހާ ރަންބީރަށް ބަލާލައެވެ. އެ ވަގުތު އެމީހުންގެ ފަހަތުގައި ހުންނަ އަންހެނަކުވެސް ހައިރާންވެ ބަލަހައްޓައިގެން ހުންނަ މަންޒަރު މި ވީޑިއޯ އިން ފެނިގެން ދެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯ އާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ރަންބީރަށް އަމާޒުވެފައިވާއިރު އިއްޔެ ވަނީ މި ވީޑިއޯގެ ހަގީގަތް ހާމަކޮށްފައެވެ. އެ ވީޑިއޯ އަކީ ރަންބީރު ކުޅުނު އިޝްތިހާރެއްގެ ތަންކޮޅެވެ. އެއީ އޮޕޯ ފޯނުގެ އިޝްތިހާރެކެވެ. އެ އިޝްތިހާރުން ދައްކައިދެނީ އޮޕޯ ފޯނަކީ ސެލްފީ ނެގުމަށް އެންމެ ކަމުދާ ފޯނުކަމެވެ.