English Edition
Dhivehi Edition

ކެމްބޯޑިއާ އެކު، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ.

މި ޒިޔާރަތުގައި ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގާތުން ގުޅިގެން މަސައްކަތްކުރުމާއި ދެޤައުމުން ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެދޭކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމާއި މަތީ ތަޢުލީމާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފުކުރައްވައި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަކީ ދެ ޤައުމަށް ވެސް އެކަމުގެ މަންފާކުރާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ދެޤައުމުގެ އެންމެ އިސްވެރިންގެ ދަތުރުފުޅުތަކަކީ ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތަކަށް ގެންދިއުމަށް މަގު ފަހިވެގެންދާނެ މުހިންމު ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އަދި އަދި މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅުން ބަދަހިކުރުމަށް މަގުކޮށިގެންދާނެ މަޝްވަރާތަކެއްކަމުގައި ޔަޤީންކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ކެމްބޯޑިއާގެ ބޮޑުވަޒީރު މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށާއި މިހާރު ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކާއި އިތުރު ދާއިރާތަކުން ދެޤައުމުގެ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވި އެވެ. އަދި މިއަހަރަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 28 އަހަރު ފުރޭ އަހަރުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ.