އައްޑޫ ސިޓީ މީދޫ ޗޭނު ޖަމިއްޔާގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ޖަމިއްޔާއިން ބަހުސް މުބާރާތެއް ބާއްވައިފިއެވެ.ރޭ ޝަރީފީ ޕްރީ ސްކޫލުގައި ކުރިއަށް ދިޔަ ބަހުސް މުބާރާތުގައި ޝަމްސުއްދީން ސްކޫލް، ޝަރީފީ ޕްރީ ސްކޫލް، ސ.އަތޮޅު މަދަރަސާ އަދި އަމިއްލަ ގޮތުން ބައިވެރިވި ސ.އަތޮޅު މަދަރަސާގެ ކުރީގެ ދަރިވަރުންގެ ޓީމުން ވަނީ ބައިވެރިވެފައެވެ
ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ބަހުސް މުބާރާތުގައި ސ.އަތޮޅު މަދަރަސާގެ ކުރީގެ ދަރިވަރުންގެ ޓީމާއި ޝަމްސުއްދީން ސްކޫލު ބައްދަލުކޮށް ފައިވާއިރު މި ބަހުސް ކާމިޔާބުކޮށްފައިވަނީ ސ.އަތޮޅު މަދަރަސާގެ ކުރީގެ ދަރިވަރުންގެ ޓީމުންނެވެ. ސ.އަތޮޅު މަދަރަސާއާއި ޝަރީފީ ޕްރީ ސްކޫލު ބައްދަލުކޮށް ސ.އަތޮޅު މަދަރަސާ ބަހުސް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ފައިނަލަށް ގޮސްފައިވަނީ ޕޮއިންޓްގެ ގޮތުން އެއްވަނަ މަގާމު ހޯދައިގެންނެވެ. ޖުމްލަ 16 ބައިވެރިންނާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލްގައި ސ.އަތޮޅު މަދަރަސާގެ ކުރީގެ ދަރިވަރުންގެ ޓީމާއި ސ. އަތޮޅު މަދަރަސާ ބައްދަލުކުރާ އިރު ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ ޝަރީފީ ޕްރީ ސްކޫލުގައެވެ
މި މުބަރާތާއި ބެހޭ ގޮތުން ޗޭނު ޖަމިއްޔާގެ ނައިބް ރައީސާ ޝަޒްލީން ވިދާޅުވީ މި ބަހުސް މުބާރާތުގެ ބޭނުމަކީ ގޭގައި ތިއްބަވާ އަންހެން ބޭފުޅުންނަށް މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަ ދިނުންކަމުގައެވެ. އަދި މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންތައްތައް ފާހަގަކޮށް އެކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުން ކަމުގައެވެ
ޗޭނު ޖަމިއްޔާއިން ވަނީ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕްރީ ސްކޫލު ކުދިންނަށް ހަވީރެއް ބާއްވާފައެވެ. އަދި ޕްރައިމެރީ ސްކޫލު ކުދިންނަށް ކުއިޒް މުބާރާތެއްވެސް ވަނީ ބާއްވާފައެވެ