English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫ އައު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައި ވެސް އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއް ވެސް ބާކީ ނުކުރުން ކަމަށެވެ.

ފޭދޫ ސްކޫލުގެ ތާރީޚްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފޭދޫ އައު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ އިންތިޒާމުތައް ވީއެންމެ އަވަހަކަށް ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން ނިމިގެންދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެ ކަމަށާއި އެއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބެއްކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރާ ޖެހެންދެން ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތްކަން ފާހަގަކުރައްވައި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށީ މި ސަރުކާރުންކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަރިންނަށް ތަޢުލީމުދިނުމާއި މުޅި ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ.

އެގޮތުން ސަރުކާރުން ފަހިކޮށްދެއްވާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ކުޑަކުރުމާއި އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި 2021 ވަނަ އަހަރު ތަންފީޒުކުރަން ފެށުމާއި ބައެއް ސްކޫލުތަކަށް ސެޓެލައިޓް ސްކޫލް ނިޒާމު ތަޢާރަފު ކުރުމާއި ޕްރިންސިޕަލުންނާއި ޑެޕިޔުޓީ ޕްރިންސިޕަލުންނާއި ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ގެނެސްދިން ހެޔޮބަދަލާއި އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދިނުންފަދަ، ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުޞަތުތައް ފަދަ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.