English Edition
Dhivehi Edition
ތާރާ އަދި އާދަރު

އެކްޓަރު ތާރާ ސުތާރިއާ ބްރޭކްއަޕްވި ހަބަރު ވަނީ އިންޓަނެޓުގައި ހޫނުވެފައެވެ.

ތާރާ ދިއްލީން މުމްބާއީއަށް އައިތަނުން ނޫސްވެރިން ވަނީ އޭނާއާއި އާދަރު ޖޭން އާ ދެ މީހުން ރުޅިވީ ކީއްވެތޯ ސުވާލުކޮށްފައެވެ. ނަމަވެސް ތާރާ ނޫސްވެރިންގެ ސުވާލަށް ޖަވާބެއް ނުދީ ހިނިތުން ވުމަށްފަހު ހިނގައިގަތީއެވެ. އެ ސުވާލު ކުރުމުގެ ކުރިން އޭނާ ވަނީ ނޫސްވެރިންނަށް ހަނާއަޅާ ޓާޓާކިޔާ ހަދާފައެވެ.

“އީޓައިމްސް” ގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ތާރާ ސުތާރިއާ އާއި އާދަރު ޖޭން ވަކިވެފައިވަނީ ދެ މީހުން ވެސް އެއްބަސްވެގެން ސުލްހަވެރިކަމާއެކުއެވެ. އަދި ދެމީހުން އަދިވެސް އެކަކު އަނެކަކަށް އަޅާލާތީ ދެމީހުން އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތާރާ އާއި އާދަރު ވަނީ އެކުގައި ޕެރިހަށް ދަތުރެއް ކޮށްފަ އެވެ. އެމީހުންގެ ގާތް އެކުވެރިޔާ އަލޭހާ އަދުވާނީއާ އެކު ފޮޓޯތަކުން ފެނިފައިވެ އެވެ. އެކަކު އަނެކެއްގެ ޕޯސްޓްތަކަށް ކޮމެންޓްތައް އޭރު ވަރަށް ކުރިއެވެ. ނަމަވެސް މިހާރު ދެ މީހުން ވެސް ވަނީ އެކަކު އަނެކަކުގެ ޕޯސްޓުތަކަށް ކޮމެންޓުކުރާތަނެއް ވެސް ނުފެނެއެވެ.

އާދަރު ޖޭން އަކީ ރީމާ ޖޭން އާއި މަނޯޖް ޖޭންގެ ދަރިއެކެވެ. އަދި ރާޖް ކަޕޫރުގެ ކާފަދަރިއެކެވެ. އޭނާ އެކްޓިން އަށް ތައާރަފްވީ 2017 ވަނަ އަހަރު އެވެ.

އަނެއްކޮޅުން ތާރާ އެކްޓިން އަށް ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ ސްޓޫޑެންޓް އޮފް ދަ އިޔާ 2 އިން އަނަންޔާ ޕަންޑޭ އާއި ޓައިގާ ޝްރޮފް އާއި އެކުގަ އެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ބޮކްސް އޮފީހުގައި ފްލޮޕްވި “އެކް ވިލަން ރިޓާންސް” އިންނެވެ. އޭނާ ދެން ފެނިގެންދާނީ އޭނާގެ ކުރިއަށް އޮތް ފިލްމު “އަޕޫރްވާ” އިންނެވެ.