English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ.

އެމްޑީޕީ އިން ބުނީ މިއީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާތީ، ކެމްޕެއިން ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން “ފިކުރެއްގެ ދިރުން” މި ޝިއާރުގެ ދަށުން ކުރައްވާ މި ދަތުރުފުޅުގައި ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެންފައިވަނީ އެސިޓީގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމަށެވެ.

ކެމްޕެއިންގައި މިހާތަނަށް ރައީސް ނަޝީދު ވަނީ ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ. އަދި މާލޭގައި ރޭ ވަނީ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.

ރައީސް ސާލިހުވެސް ވަނީ އެމަނިކުފާނުގެ ކެމްޕެއިން ފަށްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ޖަގަހަ ޖަލްސާތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ކެމްޕޭން ޓީމްގެ ދަތުރުތައްވެސް މިހާރު ވަނީ އަތޮޅުތަކަށް ފަށާފައެވެ.