އައްޑޫސިޓީ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސެކިޔުރިޓީ ގާޑަށް ރޭ ފަތިހު ވަޅިން ބަޔަކު ހަމަލާދީ ޒަޚަމްކުރުމުން ހޮސްޕިޓަލުން ފާރުވާދިނުމަށްފަހު އޭނާ ދޫކޮށްލައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކޮމިނިޓީ އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އޭނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެމީހާއަށް ހަމަލާ ދީފައިވަނީ ވާތު ކޮނޑަށެވެ. ތިން އިންޗިއެއްހާ ފުންމިނަށް ވަޅިވަނީ ކޮނޑަށް ހަރައިފައެވެ.
ސެކިޔުރިޓީ ގާޑަށް ހަމަލާދިން މީހުންވަނީ އޭޓީއެމް ހަލާކުކޮށްގެން އެއިން ފައިސާ ނަގަންވެސް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެއިން ފައިސާ ނެގޭ ގޮތެއް ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އަދި ނޭނގެއެވެ.
މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:20 އެހައިކަންހާއިރުއެވެ. ސެކިޔުރިޓީ ގާޑަށް ހަމަލާދީގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ފަތިހު 4:30 ގައެވެ. ފުލުހުން މިހާރުވެސް ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.