English Edition
Dhivehi Edition

ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާން، 4 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބޮޑު ސްކްރީނުން ފެންނަ ފިލްމު “ޕަތާން” އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ޔާޝް ރާޖް ފިލްމްސް އިން އުފައްދާ މި ފިލްމުގައި ޝާހުގެ އިތުރުން ލީޑް ތަރިންގެ ގޮތުގައި ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ފެނިގެންދާއިރު، މި ފިލްމުގެ ފުރަތަމަ ލަވަ މިމަހުގެ 12 ވަނަ ދުވަހު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ވިޝާލް ދަދުލާނީ ޝޭކަރާއި އާއި ޝިލްޕާ ރާއޯގެ އިތުރުން ކެރަލީޒާ މޮންޓީރޯ ގެ ހިތްގައިމު އަޑުން އިވިގެންދާ “ބޭޝަރަމް ރަންގް” މި ލަވަ ބެލުންތެރިންނަށް ދޫކޮށްލުމާއެކު މި ވަނީ ގިނަ މައްސަލަތަކެއް އުފެދިފައެވެ.

މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓް ކޮރިއޯފަރަކީ ހަދާފައިވާ މި ލަވައިގައި ދީޕިކާގެ ހެދުން މާ ބޮޑަށް ނިވާކަން ކުޑަކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު މި ލަވައިގައި ދީޕިކާ ލާފައިވާ ހެދުމަކީ ހިންދޫ ދީނުގެ އަޅުކަމާއި ގުޅުން ހުރި ކުލަތަކެއް ދައްކައިދޭ ހެދުމެއް ކަމަށް ބުނެވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ބޭޝަރަމް ރަންގް ގައި އެމީހުންގެ ދީނަށް ފުރައްސާރަކޮށްފައިވާކަމަށް ބުނެފައިވާއިރު ފިލްމު ބޮއިކަޓްކުރުމަށް ގޮވާލައި އިންޑިއާގެ އެކިހިސާބުތަކުގެ މީހުން އަންނަނީ އަޑު އުފުލަމުންނެވެ.

މީގެ އިތުރުން “ބޭޝަރަމް ރަންގް’ ލަވައިގައި ދީޕިކާ ލައިގެން ހުންނަ ސެފްރޮން ކުލައިގެ ހެދުން ބީޖޭޕީގެ ކުލައާ ގުޅުވާ އެމީހުން ބުނަނީ އެއީ އެ ޕާޓީ އަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށެވެ. އަދި ‘ޕަތާން’އާ ދެކޮޅަށް ހިންގާ ކެމްޕެއިނުތަކުގައި އިސްކޮށް އުޅެނީީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ މީހުންނާއި އެމީހުންނަށް ތާއިދުކުރާ ފަރާތްތަކެވެ.